ހޮލީވުޑްގެ މަޝްހޫރު ތަރި އަދި ފްރެންޑްސް ސީރީޒުން ވިދާލި ޖެނިފާ އެނިސްޓަން އޭނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑެއް ތައާރަފު ކޮށްފި އެވެ. އެގޮތުން ބިއުޓީ ޕްރޮޑަކްޓްސްގެ ދާއިރާއަށް އޭނާ ނުކުތީ "ލޮލަވީ" ނަމަކަށް ކިޔާ ހެއާ ކެއާ ބްރެންޑަކާއެކު އެވެ.

1990ގެ އަހަރުތަކުގައި މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖެނިފާ އޭނާގެ ބްރޭންޑް ތައާރަފުކުރީ، ދާދި ފަހުން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކާއެކު އެވެ.

އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ ލޮލަވީ ބުރޭންޑަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތްކުރި ޕްރޮޖެކްޓެއް ކަމަށާއި އެ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގައި އެއްވެސް ކަހަލަ ކެމިކަލް އެއް ނުވަތަ އިސްތަށިގަނޑަށް ގެއްލުންދޭ މާއްދާއެއް އެކުލެވިފައި ނުހުންނާނެ ކަމަށެވެ.

ލޮލަވީ ބްރޭންޑުން އެންމެ ފުރަތަމަ ތައާރަފުކުރި ޕްރޮޑަކްޓަކީ ދަ ގްލޮސިން ޑީޓޭންގްލާގެ ނަމުގައި ތައާރަފުކުރި އިސްތަށިގަނޑުގައި ލާ ކްރީމެކެވެ. މިއީ އިސްތަށިގަނޑުގައި ޖެހޭ ގޮށްތައް ފިލުވާލަދީ އޮމާން އިސްތަށިގަނޑަކަށް ބޭނުން ކުރެވިދާނެ ކްރީމްއެކެވެ.

ލޮލަވީ ބްރޭންޑްގެ ދަ ގްލޮސިން ޑީޓޭންގްލާ

ކުރިއަށް އޮތް ތަނުގައި ވެސް ލޮލަވީ ބްރޭންޑްގެ އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރާނެ ކަމަށާއި މި ބްރޭންޑަކީ މާކެޓްގައި މިހާރު ހުރި ބްރޭންޑްތަކާ ވަރަށް ތަފާތު ބްރޭންޑަކަށް ވާނެ ކަމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނެފައިވެ އެވެ.

ޖެނިފާގެ ލޮލަވީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ދުނިޔޭގެ އަކި ހިސާބުތަކަށް ވިއްކުމަށް އެމޭޒަން އަދި އީބޭ ފަދަ ޕްލެޓްފޯމްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.