ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފަށާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މިކެންޕެއިން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފަ އެވެ.

ރައީސް ސޯލިހު ރޭ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިން އަދި ޕީއާރުގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފަ އެވެ.

މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއް ވެސް ތައާރަފްކޮށްފައިވެ އެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު އެކަކުން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.