މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށްޓަކައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައިވެ އެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް އަށް ހުށަހަޅާފައިވަނީ 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކުގަ އެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެ ޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން ކަމަށެވެ. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން ކަމަށް ވެސް ބުންޏެވެ.

އެމްއެންޕީ ރަޖިސްޓްރީކުރުމަށް ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ އެމްއެންޕީ

އެމްއެންޕީން ބުނީ އެގޮތުން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށާއި، އޭގެ އިތުރުން ހުނަރުވެރި ގިނަ ޒުވާނުންވެސް އަންނަނީ ޕާޓީއާ ގުޅެމުންކަން ފާހަގަކޮށްފައިވެ އެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ.