ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދެއްވުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ ގޮވާލައްވާފައި.

ރައީސް ޔާމީން ޢަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދެއްވުމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ރޭ ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އޯޑިއޯތައް ތަހުލީލުކުރުމަށް އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ މި އޯޑިއޯތަކަކީ ކިހާ ސައްހަ އޯޑިއޯތަކެއްކަން ކަމާބެހޭ ހުރިހާ ފަރާތްތަކުން ބަލަން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް މިއޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޖީ އޮފީހުގެ ބައްދަލުވުމުގައި މިއޯޑިއޯތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރިން. މި އޯޑިއޯތަކުގެ ސައްހަކަން ބެލުމަށް އަމިއްލަ ފަރާތަކަށް ދީގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިންތިހާ ކަންބޮޑުވުން އެބައޮތް. އެމަނިކުފާނު ވިދާޅުވީ ދެން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަކީ ކޮބައިތޯއޭ؟ ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ ބައިނަލްއަގްވާމީ ފޮރެންސިކް ތަހްލީލުކުރާ އިދާރާއަކާ ހަވާލުކޮށްގެން އަޅުގަނޑު މެންނަށް ވެސް އެނގޭ ގޮތަށް ކުރާ ތަހުލީލެއް ނޫނީ ގަބޫލެއް ނުކުރާނެ ކަމަށް ދެންނެވިން،" ޝުޖާއު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ އޯޑިއޯ ތަހްލީލުކުރެވެމުންދާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މަޑުޖައްސަން ޖެހޭ ކަމަށާއި މުޅި ދިވެހި ރައްޔިތުން މިއީ އިންސާފުވެރި ކޮށް ހިނގާ ކަމެއްނޫންކަން ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި އޯޑިއޯ އެނެލައިޒްނުކޮށް ނުވަތަ މީގެ ސައްކަން ކަށަވަރުކުރުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ރައީސް ޔާމީންއަށް އެ ދެވެނީ އަނިޔާ ކަމަށާއި އެމަނިކުފާނުގެ ހައްގު ގެއްލިގެންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ،

"އެހެންވެގެން މިކޯލިޝަން ރާއްޖޭގެ ހުރިހާ މުއައްސަސާއަކަށް ދުވަމުން މިދަނީ. އެއް ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރެއްގެ ހައްގު ގެއްލިގެންދާތީ މި ކޯލިޝަނުން ކަންބޮޑުވަނީ. އިންސާފުން ކަންކަން ކުރާ ސަރުކާރެއް ނަމަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ޝަރީއަތް މެދުކެނޑެންޖެހޭ. ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އަދި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެއަށް ހޯދުމަށް ވެސް މި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ އުފެދުމުގައި ވެސް ބާތިލު، ކުރި ތުހުމަތަކީ ވެސް ބާތިލު، ހިނގި ތަހުގީގަކީ ވެސް ބާތިލު، ކުރި ހުކުމަކީ ވެސް ހަރާން ހުކުމެއް ކަމަށް ދަންނަވަނީ ބައިވަރު ސަބަބުތައް ވާތީ ކަމަށާއި ރައީސް ޔާމީންއަކީ ރައްޔިތުންނަށް ހިދުމަތްކުރަން ސާބިތުކަމާއެކު ހުންނެވި ލީޑަރެއްގެ ގޮތުގައި ހުންނެވި ނަމަ މިގައުމުގެ ރައްޔިތުން މިއަދު ކުރަމުންމިދާ އަޅުވެތި ކަމުގެ އިހްސާސް ކުރަމުން ނުދިޔައީސް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެމަނިކުފާނަށް ހުރިހާ އަނިޔާއެއް ލިބެމުން އެ ދަނީ ރައީސް ޔާމީން މިގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދެއްވާ އަހައްމިއްޔަތު މި ސަރުކާރަށް އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ފަނޑިޔާރުން ރަހީނުކޮށްގެން ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއްކަމަށް ބުނެފައިވެއެވެ. އަދި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާ ނުފޫޒު ފޯރުވި ކަމަށް ވެސް ބުނެފައިވެ އެވެ.