ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން، ސްޓޭޖަށް އެނބުރި އައުމުގެ ކުރިން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެއްޖެ އެވެ.
މި ހަފްތާ ތެރޭގައި އޭނާ އާއްމުންގެ ލޮލުގައި އަޅައިގަނެފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުންނެވެ. މިއީ ފާއިތުވި ދެ އަހަރު ތެރޭގައި އޭނާ މިގޮތަށް ފެނުނު ފުރަތަމަ ފަހަރެވެ.
"މައި ހާޓް ވިލް ގޯ އޮން" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އުމުރުން 58 އަހަރުގެ ސެލީން ޑިއޯން ފެނިފައިވަނީ ޕެރިހުގެ ހޮޓަލެއްގެ ބޭރުންނެވެ.
ބޭޖް ކުލައިގެ ކޯޓަކާއި އަވިއައިނެއް އަޅައިގެން ހުރި ސެލީން ވަނީ އޭނާއަށް އިންތިޒާރު ކުރަމުން ދިޔަ ފޭނުންނާ ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ.
އޭނާ އާންމުންގެ ތެރެއަށް ނުކުމެފައި މިވަނީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓްތަކަކަށް ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މި ކޮންސަޓްތައް 2027 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މިއަހަރުގެ މާޗް މަހު އޭނާގެ 58 ވަނަ އުފަންދުވަހާ ގުޅިގެން ސެލީން ބުނެފައިވަނީ، މިއީ އޭނާއަށް ލިބުނު އެންމެ ފުރިހަމަ އުފަންދުވަހުގެ ހަދިޔާ ކަމަށާއި، އަލުން ފޭނުންނާ ބައްދަލުވެ ހުށަހެޅުންތައް ދިނުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ކޮންސަޓްތަކަކީ 2024 ވަނަ އަހަރު ޕެރިހުގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ހުށަހަޅައިދިން ފަހުން ދޭ ފުރަތަމަ ޕާފޯމަންސް އެވެ.
2022 ވަނަ އަހަރު ސެލީން ޑިއޯންއަށް ވަނީ "ސްޓިފް-ޕާސަން ސިންޑްރޯމް" ކިޔާ ނާރުގެ ބައްޔެއް ޖެހިފައިވާކަން އެނގިފަ އެވެ.
މިކަމާ ގުޅިގެން އޭނާގެ މިއުޒިކީ ކެރިއަރުގެ މަސައްކަތްތައް މަޑުޖައްސާލަން ޖެހުނެވެ. ނަމަވެސް، މި ދިގު މެދުކެނޑުމަކަށްފަހު، އަލުން ސްޓޭޖަށް އެނބުރި އައިސް މިއުޒިކަށް ފުރިހަމައަށް ވަގުތު ހުސް ކުރަން ބޭނުންވާކަމަށް ސެލީން ވަނީ ހާމަކޮށްފަ އެވެ.
"ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެދާނެ"
ފުރިހަމަ ނިދި ލިބެނީ ކަނު އަނދިރީގައި ނިދުމުން؟
އާ ކަލެކްޝަންއާއެކު "ހައުސް އޮފް ނަދާ"އަށް ކޮޕީރައިޓްގެ ތުހުމަތު!