ޓައިމް މަޖައްލާއިން އެކުލަވާލި މި އަހަރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ފަލަސްތީނުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އެއްމާބަނޑު ދެބެން ކަމަށްވާ، މުނާއާއި މުހައްމަދު އަލް-ކުރްދު ހިމެނިއްޖެ އެވެ.

އެންމެ ނުފޫޒު ގަދަ މީހުން ލިސްޓްގައި މުނާ އާއި މުހައްމަދު އަލް ކްރު ހިމެނުނީ އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި މީހުން ދިރިއުޅެމުންދާ ހާލަތު އިންޓަނެޓާއި މީޑިއާ މެދުވެރިކޮށް ދުނިޔެއަށް ދައްކުވައިދިނުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން، އިޒްރޭލާއި ފަލަސްތީނުގެ މައްސަލާގައި، ދުނިޔެ ދެކެމުން އައި ގޮތަށްވެސް ބަދަލުތަކެއް ގެނުވަން އެހީއަކަށް ވީ ކަންވެސް ޓައިމް މެގަޒިން އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހް ޖައްރާގައި އެތައް އަހަރެއް ވަންދެން ވަޒަންވެރިވެގެން އުޅުނު ފަލަސްތީނުގެ އާއިލާތައް ގެތަކުން ނެރުމާ ދެކޮލަށް، އިޒްރޭލުގެ ހުދުމުހުތާރު ކަމުން ހިންގަމުން އަންނަ މަޝްރޫއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކެމްޕޭންގެ މޫނު ކަމުގައި ވެފައި ވަނީވެސް މުނާއާއި މުޙައްމަދު އަލް-ކުރްދު އެވެ.

އިޒްރޭލުގެ ޔަހުދީ ބާރުތަކުން މިދިޔަ ޖޫން މަހު ވަނީ، އެތައް ގަޑިއިރެއް ވަންދެން މި ދެބެން ހައްޔަރުކޮށް، ސުވާލު ކޮށްފަ އެވެ.

މުނާ އަދި މުހައްމަދު އަލް ކުރްދު

އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓްގައި އެ ދެބައިންގެ ނަން ހިމެނުނަސް މިކަމާ އުފާނުކުރާ ކަމަށާއި އެކަމަކީ ރަމްޒީ ގޮތުން ލިބިފައިވާ ކަމެއް ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ. ފަލަސްތީނުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރަށް އެހީ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ޕްރިންސް ހެރީ އާއި މޭގަން ވެސް ވަނީ ހިމެނިގެން ގޮސްފަ އެވެ. އެ ދެމީހުންނާ ބެހޭ ގޮތުން އެ މަޖަލާގައި ބުނެފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ތައުރީފްކޮށްފައިވެ އެވެ. އަދި ހަމައެކަނި އެހީ ފޯރުކޮށްދެވޭނެ ގޮތް ކިޔާ ދެއްވުމުގެ ބަދަލުގައި އެކަން އަމަލުން ދައްކަވާ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CT13G4ytBSX/

ސިޔާސީ ނަންތަކެއް ވެސް މި ލިސްޓުގައި ހިމެނޭއިރު، އޭގެ ތެރޭގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ނައިބު ރައީސާ ކަމަލާ ހެރިސް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި އެމެރިކާގެ ޖިމްނާސްޓް ސިމޯން ބައިލްސް އަދި ޖަޕާންގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ ހިމެނެ އެވެ.

ހަމައެއާއެކު މުނިފޫހިފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް އެ ލިސްޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ބިލީ އައިލިޝް، ބްރިޓްނީ ސްޕިއާސް އަދި ސްކާލެޓް ޖޮހާންސަން ހިމެނެ އެވެ.

އެންމެ ނުފޫޒުގަދަ 100 މީހުންގެ ނަން ބަޔާން ކުރާ މި ލިސްޓުން، 54 އަންހެނަކު ވަނީ ޖާގަ ހޯދާފަ އެވެ.