ކޮވިޑާ ގުޅިގެން ދަތުރުފަތުރުކުރުން ރައްކާތެރިނޫން ގައުމުތައް ކަނޑައަޅާފައިވާ އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖޭގެ ނަން އުނި ކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުނީ މިދިޔަ މެއި މަހުގެ ކުރީކޮޅު، ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ނެވެ.

ރާއްޖެއިން އެ ގައުމަށް ދަތުރުކުރާ އެންމެން ވެސް 10 ދުވަހު ކަރަންޓީނު ވާންޖެހޭ ގޮތަށް ކުރިން ވަނީ ހަމަޖައްސާފަ އެވެ.

އިނގިރޭސި ސަރުކާރުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 8 ގައުމެއް ރެޑް ލިސްޓުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭއިރު ދެން ހިމެނެނީ ކެންޔާ އާއި ޕާކިސްތާން އާއި ތުރުކީ އާއި މިސްރުގެ އިތުރުން އޮމާން އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.

ރެޑް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރަތް ލިސްޓުން މިނެގީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެމަސް ދުވަހު ވެސް ދަށަށް ދިއުމުން ވެސް ރަތް ލިސްޓުން އުނިނުކުރުމުން އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ރާއްޖެ ފާއިތުވި ދެމަސް ދުވަހު ލިސްޓުން އުނިނުކޮށް އޮތީ ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރަށް ފޮނުވަން ޖެހޭ ބައެއް ރަސްމީ މައުލޫމާތުތައް ނުފޮނުވައި އޮތުމުންނެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.