ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނިތީ ޗޯޕްރާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މަންމަ ނީނާ ޗޯޕްރާއާއި ބައްޕަ ޕަވަން ޗޯޕްރާގެ އިތުރުން ބޭބެ ޝިވާންގް ޗޯޕްރާއާއި އެކު ޕަރިނީތީ ރާއްޖެ އައިސް ހުރީ އިންޓަކޮންނިޓެންޓަލް މާމުނަގައު ރިސޯޓުގަ އެވެ.

ޕަރިނީތީ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ.

ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން ޕަރިނީތީގެ އިންސްޓަގްރާމްގައި ވަނީ އެތައް ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ. ރިސޯޓަށް ފޭބި ހިސާބުން ފެށިގެން ދުވަހުގެ އުސްއަލިތައް އިންސްޓަގްރާމްގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" އަށް ސޮއިކޮށްފައިވާ ބަތަލާގެ ތިން ފިލްމެއް މި އަހަރު ރިލީޒްވެފައިވެ އެވެ. އެއީ "ދަ ގާލް އޮން ދަ ޓްރެއިން" އާއި "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ އިތުރުން "ސައިނާ" އެވެ.

ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެ ދެދަރި މީހެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ ރަންވީރު ސިންގްގެ ދެވަނަ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ.

އިންޑިއާގެ ފިލްމީ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުން މި ދުވަސްވަރު އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ.

މި ވަގުތު ރާއްޖޭގައި ތިބި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނާއި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ހިމެނެ އެވެ. އަދި މީގެ އިތުރުން އިންޑިއާގެ ޓީވީ ޑްރާމް ސީރީޒްތަކުގައި މަސައްކަތް ކުރާ ބައެއް ފަންނާނުވެސް މިހާރުވސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.