ކުޑަކުއްޖަކު އަމިއްލައަށް ފާހާނާ ބޭނުން ކުރަން ދަސްވަންދެން ގާތްގަނޑަކަށް 8,000 ފަހަރު މައިންބަފައިން ނެޕީ ބޭނުންކުރެ އެވެ. މިހާ ގިނަ އަދަދަކަށް ބޭނުންކުރާ ނެޕީގައި ނުރައްކާތެރި ކެމިކަލްތަކާއި ވިހަ މާއްދާތަކެއް އެކުލެވޭ ކަމަށް މިފަހުގެ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

މި މައުލޫމާތު އާއްމު ވުމާއެކު އެމެރިކާގެ ކެލިފޯނިއާއިން ވަނީ އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ގާނޫނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ތަސްދީގު ކުރެއްވި ގާނޫނަކާއެކު، އެ ސިޓީގައު ވިއްކާ ޑިސްޕޯސަބަލް ނެޕީތަކުގައި ބޭނުންކޮ ށްފައިވާ ހުރިހާ މާއްދާތަކެއް އުފައްދާ ފަރާތްތަކުން އާންމުންނަށް ހާމަ ކުރަން މަޖުބޫރުވާނެ އެވެ. އެއާއެކު އެ މާއްދާއެއް ނެޕީގައި ހިމަނަންޖެ ހުނު ސަބަބުވެސް ބަޔާން ކުރަން ޖެހޭނެ އެވެ.

މި މަޢުލޫމާތުތައް 2028 ވަނަ އަހަރުގެ ނިޔަލަށް އޮންލައިންކޮށް ފެންނަން ހުންނަން ޖެހޭއިރު، 2029 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނެޕީ ޕެކެޓުގެ ލޭބަލްގައި މި މަޢުލޫމާތު ޗާޕުކޮށްފައި ހުންނަން ޖެހޭނެ އެވެ. މީގެ ކުރިން ނިއު ޔޯކް އަދި އިލިނޮއިސް ފަދަ ސްޓޭޓްތަކުންވެސް ވަނީ މިފަދަ ބިލުތައް ފާސްކޮށްފަ އެވެ.

މި ބިލު ޕްރޮމޯޓްކޮށް ފާސް ކުރުމުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހިލަރީ ސްވަންކް ވަނީ 'އެންވަޔަރަމަންޓަލް ވޯކިންގ ގްރޫޕް' (އީ.ޑަބްލިއު.ޖީ) އާ ގުޅިގެން އިސް ދައުރެއް އަދާކޮށްފަ އެވެ.

ހިލަރީއަށް މިކަމުގެ ނުރައްކާތެރިކަން އިހުސާސްކުރެވުނީ އޭނާގެ މިހާރު އުމުރުން 3 އަހަރުގެ އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ދުވަސްވަރު އެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ކުޑަކުދިންގެ ހަންގަނޑު ތުނިވުމުގެ ސަބަބުން ކެމިކަލްތައް ހަށިގަނޑަށް ފަސޭހައިން ދަމައިގަނެ އެވެ. އެހެން ކަމުން 24 ގަޑިއިރު ނެޕީ ޖަހައިގެން ތިބޭއިރު، ނެޕީގައި އެހާ ގިނަ ކެމިކަލް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ނެޕީގައި ހުންނަ ނުރައްކާތެރި މާއްދާތައް

ދިރާސާތަކުން ދައްކާ ގޮތުގައި ނެޕީގައި ކުލަ ޖައްސަން ބޭނުންކުރާ ދަވާދާއި، ތަތްކުރަން ބޭނުންކުރާ ތެރަހުގެ ސަބަބުން ނުރައްކާތެރި ވީ.އޯ.ސީ ކިޔާ ގޭހެއް ބޭރުވެ އެވެ. މީގެ ސަބަބުން ހަންގަނޑަށާއި ފުއްޕާމެއަށް ގެއްލުންވެ، ބައެއް ހާލަތްތަކުގައި ކެންސަރަށް މަގުފަހި ވުމުގެ ފުރުސަތު އޮވެ އެވެ.

މީގެ އިތުރުން ނެޕީ ތެމުމުން ކުލަ ބަދަލުވާ ރޮނގު (ވެޓްނެސް އިންޑިކޭޓާ)ގައި ހިމެނޭ ކިއު.އޭ.ސީ އަދި ނެޕީ މަޑުކޮށް ބެހެއްޓުމަށް ބޭނުންކުރާ 'ތެލޭޓްސް' އަކީވެސް ނުރައްކާތެރި މާއްދާތަކެކެވެ. މިއީ ކުދިންގެ ނޭވާލާ ނިޒާމަށާއި، ދަރިމައިވުމުގެ ނިޒާމަށް ނުރައްކާކޮށް، ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކެމިކަލްތަކެކެވެ.

ނެޕީ އުފައްދާ ބައެއް ފަރާތްތަކުން އެމީހުންގެ އުފެއްދުންތައް ރައްކާތެރި ކަމަށް ބުނަމުންދިޔަ ނަމަވެސް، މި ހޯދުންތަކުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

މައިންބަފައިންނަށް ދޭ އިރުޝާދު

ބިލަށް ޢަމަލުކުރަން ފެށެންދެން، ރައްކާތެރި ނެޕީ ހިޔާރު ކުރުމަށް އީ.ޑަބްލިއު.ޖީ ފަދަ ޖަމާޢަތްތަކުން މައިންބަފައިންނަށް މުހިންމު އިރުޝާދުތަކެއް ދެ އެވެ.

އެގޮތުން، ތަފާތު ކުލަކުލައިގެ ކުރެހުންތައް ހުންނަ ނެޕީތަކާއި، ތެމުމުން ކުލަ ބަދަލުވާ ނެޕީތައް ބޭނުން ކުރުން ހުއްޓާލުމަށް ލަފާދެ އެވެ.

ސަބަބަކީ މިއީ އިތުރު ކެމިކަލް ބޭނުން ކޮށްގެން ހަދާފައިވާ ބައިތަކަކަށް ވާތީ އެވެ. މީގެ ބަދަލުގައި، އެއްވެސް ކުލައެއް ނުވަތަ މީރު ވަހެއް ނުހިމެނޭ ސާދާ ނެޕީ ހިޔާރު ކުރުން ވަރަށް މުހިންމެވެ.

ހިލަރީ ސްވަންކް ބުނާ ގޮތުގައި، ކޮންމެ މީހަކީ ފުރިހަމަ މީހަކަށް ނުވެދާނެ އެވެ. ނަމަވެސް ދަރިފުޅުގެ ހަށިގަނޑުގައި ގިނަވަގުތު ޖެހިފައި ހުންނަ ނެޕީ، ވައިޕްސް އަދި ކްރީމް ފަދަ ތަކެއްޗާމެދު ހޭލުންތެރިވެ، އޭގައި ހިމެނޭ މާއްދާތައް ދެނެގަނެ ރައްކާތެރި ގޮތްތައް ހިޔާރު ކުރަން މަސައްކަތް ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ކުރުން އެންމެ މުހިންމު އެއް ކަންތަކެވެ.

އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފްސަށް މާބޮޑަށް ޕްރެޝަރު ނުކޮށް، ލިބެން ހުރި މަޢުލޫމާތުގެ އަލީގައި ދަރިފުޅަށް އެންމެ ރައްކާތެރި ގޮތް އިހްތިޔާރު ކުރުމެވެ.