ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުނި ނަގާނީ ކޮންމެ ޓަވަރެއްގެ ތިރިން ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

ހިޔާ ފްލެޓްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ 25 ބުރީގެ ފްލެޓަކުން ކުނި ނެގުމަކީ އުނދަގޫ ކަމެއް ކަމަށާއި ކޮންމެ ހިޔާ ފްލެޓްތަކުގެ ކޮންމެ އެޕާޓްމަންޓެއްގެ ދޮރުމަތިން ކުނި ނުނެގޭނެ ކަމަށެވެ. ކޮންމެ މީހަކު ވެސް ކުނި ނެރެން ޖެހޭނީ ފްލެޓްތަކުގެ އެންމެ ތިރިއަށް ކަމަށްވެސް ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މިގޮތަށް ނިންމީ ވެމްކޯއާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ކޮންމެ ހިޔާ ޓަވަރެއްގެ ތިރީގައި ކުނި އެޅުމަށް ވަކި ހާއްސަތަނެއް ހަދާފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އާންމުކޮށް ވެމްކޯ އިން ގޭ ދޮރުމަތިން ނޫނީ ފްލެޓު ދޮރުމަތިން ކުނި ނެގި ކަމުގައި ވިޔަސް، މިވަރު ތަނެއްގައި އަޅުގަނޑު ވެސް ހަމަ ގަބޫލުކުރަން އެހެންނެއް ނުނެގޭނެ. އެއީ ޕްރެކްޓިކަލް ކަމެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓު ހުރެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓުތަކާ ގިނަ ބަޔަކު ހަވާލުވެ، އެ ތަންތަނުގެ ފިނިޝިންގެ މަސައްކަތް އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތްތަކެއް އަދި ނުލިބެ އެވެ.