ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ބޭއްވި މޭޑޭ މުޒާހަރާގައި ހައްޔަރު ކުރި އިރު މަރުތަކުގެ މައްސަލަތަކާ ގުޅުން ހުރި ކަރުދާސްތައް އަތުލާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން "އަނިޔާވެރިކަމާ ދެކޮޅަށް" ހިންގި މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި އިމްރާން ހައްޔަރު ކޮށްފައި ވަނީ އެ މުޒާހަރާގެ ތެރޭގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެން، އެއީ ޓެރަރިޒަމްއަށް ހިތްވަރު ލިބިދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އިމްރާންގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

އޭނާގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް މިނިވަންކޮށްފަ އެވެ.

އެ ދުވަހުގެ މުޒާހަރާގައި އިމްރާން ވަނީ އަތުގައި އޮތް ބައެއް ކަރުދާސްތައް ދައްކަވައި އެއީ އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކެއް ކަމަށް ވިދާޅުވެފަ އެވެ. ރިލްވާން ގެއްލުވާލުމުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް އެ ދުވަހު އިމްރާން ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައިި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ މޭޑޭގެ މުޒާހަރާގައި އޭނާ އޭރު ހައްޔަރުކުރި އިރު އޭނާގެ އަތުގައި އޮތް ކަރުދާސްތައް ވެސް ބައެއް ފުލުހުން ގެންދިޔަ ކަމަށެވެ.

އެ ކަރުދާސްތައް ހޯދަން ޖެހޭ ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެ ކަމަށް އިތުރު ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އަދި އެ ތަހުގީގު ފެށިފަައި ނުވަނީ މާ ގިނަ ތަހުގީގުތަކެއް ކުރަން ހުރީމަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެން ޖެހޭނީ އަނެއްކާ ތަހުގީގެއް ފަށަން. އަޅުގަނޑު ހައްޔަރު ކުރަން އައީ ކޮން ފުލުހުންނެއްތޯ، ކޮން ފުލުހުންނެއްތޯ އެ ތަކެތި ގެންދިޔައީ، ދެން އަދި އެ ތަހުގީގާ ހަމައަށް ދެވޭ ވަރެއް ނުވޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްއާއި ރިލްވާންގެ މަރުގެ މައްސަލައާ ސިޔާސީ އެކި ބޭފުޅުންނާ ގުޅުވައި މީގެ ކުރިން އެކި ތުހުމަތުތައް ކުރެިފައިވެއެވެ. އެހެންވިޔަސް މަރުތައް ތަހުގީގު ކުރަން މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ އެ މައްސަލަތަކުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ. އެ މަރުތަކާ ސިޔާސީ ބޭފުޅުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.