ލ. އަތޮޅުގެ ރަށްތަކުގައި ހުރި ކަންބޮޑުވުންތަކާއި އެ އަތޮޅުގައި ހިންގަން ހަމަޖެއްސި މަޝްރޫއުތައް ފެށުން އަވަސްކޮށްދެއްވުމަށް އެދި އެ އަތޮޅު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައިފި އެވެ.

ލ. އަތޮޅު ރަށްތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ އަތޮޅު ކައުންސިލަރުން ނައިބު ރައީސާ ހިއްސާ ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި، ލ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ނައިބު ރައީސް ފައިސަލް އާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި ބައެއް ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވެވި އެވެ. އަދި އަތޮޅުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދެ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށާއި، ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓް އަވަސް ކޮށްދެއްވުމަށް ވެސް ކައުންސިލުން އެދުނު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ލ.ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށް ކައުންސިލްގެ މެންބަރުން ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"އެބޭފުޅުން ވަނީ އަތޮޅުގެ ބައެއް ސްކޫލުތަކަށް ޖާގައިގެ ދަތިކަމާއި، ވަސީލަތްތައް މަދުކަމާއި، މުވައްޒަފުންގެ މަދުކަން ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު އަތޮޅުގެ ބައެއް ރަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ." އެ އޮފީހުން ބުންޏެވެ. "މީގެ އިތުރުން އަތޮޅުގައި ޓުއަރިޒަމް ފުޅާކުރުމުގެ ސައުގުވެރިކަން އަތޮޅު ކައުންސިލުންވަނީ ފާޅުކުރައްވާފަ އެވެ. ހަމަ އެއާއެކު ރަށުގެ ދަރިން ރަށުގައި ވަޒަންވެރިވެގެންތިބޭއިރު ވަޒީފާއެއް ހޯދުމަށް ނުވަތަ އެހެން ބޭނުންތަކަށް ވެސް މާލެ ނައިސް އެރަށަކުން އެ ބޭނުމެއް ފުދިގެންދާނެ ގޮތް ހަމަޖެހެން ބޭނުންވާކަން ވެސް އެބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށްވެސް އެބޭފުޅުން ބޭނުންވާކަން ވަނީ މިބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފަ އެވެ."

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކޮށްލެއްވުމުގައި ނައިބް ރައީސް ފައިސަލު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަސްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަސްރޫއުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުންކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގައި ކަމާ ގުޅުންހުރި މުވައްސަސާތަކާއި ސީދާ ވާހަކަދައްކައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.