މި ހަފުތާގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއަށްފަހު އެ ގައުމު އާރާސްތުކުރުމަށް 4 ބިލިއަނާއި 5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ސްވާނިމް ވާގްލޭ ވިދާޅުވެއްޖެ އެވެ.
މިއީ އެ ގައުމުގެ މުޅި އިގްތިސާދުގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.
ފިނޭންސް މިނިސްޓަރު ވާގްލޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އަދި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ލަފާކުރެވުނު އަންދާސީ އަދަދެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމާ އަޅާބަލާއިރު އާރާސްތުކުރުމަށް ހޭދަވާނީ މާ ކުޑަ އަދަދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ކާރިސާ ހިނގަން މެދުވެރިވީ ހިމާލަޔާގެ ފަރުބަދަތަކުގައިވާ ގްލޭޝާއެއް ގޮވައި، ގަލާއި، އައިސް، ކާބޯތަކެއްޗާއި ކޮންކްރީޓް އަދި ފަސްގަނޑާއެކު އައި ބޮޑު ފެންގަނޑެއްގެ ސަބަބުންނެވެ. މި ހާދިސާގައި ނޭޕާލާއި ޗައިނާގެ ޓިބެޓު ސަރަހައްދުން 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2,000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
މި ފެންބޮޑުވުމުގެ ސަބަބުން ބޯޑަރު ސަރަހައްދުގެ ގިނަ ރަށްތަކެއް ވަނީ މުޅިން ސާފުވެ، ފާލަންތަކާއި މަގުތައް ހަލާކުވެފަ އެވެ. އަދި ގައުމުގެ މުހިންމު ހައިޑްރޯޕަވާ ނުވަތަ ފެނުން ކަރަންޓު އުފައްދާ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ގައުމުގައި ކަރަންޓު އުފައްދާ ގާބިލުކަމުގެ 12 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ޕްރޮޖެކްޓްތަކަށް ވަނީ ގެއްލުންވެފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2015 ވަނަ އަހަރު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 9،000 އަށްވުރެ ގިނަ މީހުން މަރުވެ، ބައި މިލިއަނަށްވުރެ ގިނަ ގެދޮރު ހަލާކުވެ، 9 ބިލިއަން ޑޮލަރުގެ ގެއްލުންވި އެވެ. ނަމަވެސް މިފަހަރުގެ ފެންބޮޑުވުމަކީ ވެސް ރެމިޓެންސްއާއި ފަތުރުވެރިކަމުގެ އިތުރުން ހައިޑްރޯޕަވާއަށް ބަރޯސާވާ ނޭޕާލްގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ލޮޅުމެކެވެ.
ނިއާގްރާ ފޯލްސް: ރޭގަނޑުގެ މުޅިން ތަފާތު ޖާދުވީ ތަޖުރިބާއެއް!
މަސްލަހަތު ގެއްލި "ބޮޑު ބަދަލު" ގުރޫޕުން ފައްޔާޒު ނުކުމެއްޖެ
ބިދޭސީންގެ ވަޒީފާ ލިސްޓަށް ގެނައި ބަދަލާއެކު ކަންބޮޑުވުން