ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް (ބޫސްޓާ ޑޯޒެއް) ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދެއްވާފައިވާ ކަމަށެވެ.

މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައި ވަނީ ފައިޒާ ވެކްސިން އެކަންޏެވެ. މި ޑޯޒް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހި ފަހުން، ހަ މަސް ދުވަސް ވެފައިވާ ނަމަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބޫސްޓާ ޑޯޒް ދިނުމުގައި ބަލާ އިތުރު ކަންކަން

  • 60 އަހަރު މަތީގެ މީހުން
  • ދިފާއީ ނިޒާމު ބަލިކަށި މީހުން
  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން
  • ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
  • ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
  • އޮކްސިޖަން ތެރެޕީ ނަގާ މީހުން
  • ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
  • ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
  • ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން

އެޗްޕީއޭ އިން ބުނިގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން މި ބޫސްޓާ ޑޯޒް ޖަހައިދޭނީ މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކުން ކަމަށެވެ. އެއީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެ ތިން ހޮސްޕިޓަލުން ހެނދުނު 9:00 ން މެންދުރު 14:00 އަށް ޖެހޭނެ ކަމަށާއި އަދި ވިލިމާލޭ ހޮސްޕިޓަލުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ޖެހެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ޖަހައިފަ އެވެ. މިހާރު 300،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ދުވާލަކު މުޅި ރާއްޖެއިން ޕޮޒިޓިވްވާ ރޭޓް އުޅެނީ 200 އިން ދަށުގަ އެވެ.