ބޮޑުވެގެން އަންނަ ކުދިންގެ މައިންބަފައިންގެ މެދުގައި އޮންނަ ގުޅުމަކީ އެގުޅުމެއްގެ ސަބަބުން ގިނަ ކަންތައްތަކެއް އެ ކުދިންނަށް ދަސްވާ ގުޅުމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ މައިންބަފައިންގެ ގުޅުމުން ދަރިން ދަސްކުރާ ބައެއް ކަންކަމަށެވެ.

ލޯތްބާއި އަޅާލުން

ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިންގެ ދެމެދުގައިވާ ލޯބި ހާމަނުކުރާ އާއިލާތަކުގައި ބޮޑުވާ ކުދިން، މުސްތަގުބަލުގައި އެ ކުދިންގެ އިހުސާސްތައް އަނެކުންނަށް ހުށައެޅުމަށް އުނދަގޫވެ އެވެ. މައިންބަފައިންގެ ދެމެދުގައި އޮންނަ ލޯބި ހާމަކުރާ ނަމަ ދަރިންނަށް ވެސް ލޯތްބާއި އަޅާލުމުގައި އޮންނަ ހެވައި ނުބައި އެނގި، އެއަށް އަމަލުކުރަން ދަސްވެގެންދާނެ އެވެ.

ގޭތެރޭގެ މަސައްކަތް ބަހާލައިގެން ކުރުން

މައިންބަފައިންގެ ޒިންމާތަކާ އެކު ވެސް ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ހުސްކޮށް، ކެއްކުމާއި ކުނިކެހުން ފަދަ ގޭތެރޭގެ މަސައްކަތުގައި އެކަކު އަނެކަކަށް އެހީތެރިވެދީ ހެދިދާނެ އެވެ.މިކަމުން ދަރިންނަށް ދޭން ބޭނުންވާ ފިލާވަޅަކީ ގޭތެރޭގެ މަސައްކަތަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން ކަމާ އެ ފަދަ މަސައްކަތުގައި ވެސް އެކަކު އަނެކަމަށް އެހީތެރިވުމުގެ މުހިއްމު ކަމެކެވެ.

އަނެކާއަށް އިހުތިރާމް ކުރުން

މައިންބަފައިންނަކީ ދަރިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވީއިރު، އެދެމީހުންގެ މެދުގައި އެކަކު އެނެކަކަށް އިހުތިރާމާއި ގަދަރު އޮންނަ ނަމަ އެކަން އެކުދިން ވެސް ދަސް ކުރާނެ އެވެ. އަދި އަމިއްލަ ދިރިއުޅުމުގައި ވެސް އެކަން ބޭނުން ކުރާނެ އެވެ.