ރިއޯ (03 އޮކްޓޯބަރު) - ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯގެ އިސްތިއުފާއަތް ގޮވާލައި އެގައުމުގެ އެކި ސަރަހައްދުތަކުގައި އާއްމުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބޮލްސޮނާރޯގެ އިގްތިސާދީ އަދި ކޮވިޑް 19ގެ ސިޔާސަތުތައް ފެއިލްވެއްޖެ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ގޮވާލައިފަ އެވެ.

ބްރެޒިލްގެ އެންމެ ބޮޑު ސަރަހައްދުތައް ކަމަށްވާ ސައޯ ޕޯލޯއާއި ރިއޯ ޑި ޖެނޭރިއޯގެ މަގުތަކަށް މީހުން އެއްވެ ބޮލްސޮނާރޯއާ ދެކޮޅަށް މުޒާހަރާ ކޮށްފައިވާއިރު މި ދެ ސަރަހައްދުގެ އިތުރުން ވެސް އެގައުމުގެ 200 އަށްވުރެ ގިނަ ސަރަހައްދުތަކުގައި ވަނީ މުޒާހަރާތައް ބާއްވާފަ އެވެ.

ބްރެޒިލްގެ އިގްތިސާދު ހީނަރުވެ މުދަލުގެ އަގާއި ތެލުގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ބޮލްސޮނާރޯ ގެންގުޅޭ އިގުތިސާދީ ސިޔާސަތުތަކަށް މާހިރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ހަމައެއާއެކު އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ގޮސް ބަލި ޖެހުނު މީހުންގެ އަދަދު 600،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު އެކަމަށް ވެސް އެދެވޭ ފިޔަވަޅު ތަކެއް އެޅިފައި ނުވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މީގެ އިތުރުން ބޮލްސޮނާރޯގެ މައްޗަށް ވަނީ ބްރެޒިލްއަށް ގެންނަން އުޅުނު ވެކްސިން ޝިޕްމަންޓެއްގެ ކޮރަޕްޝަން ތުހުމަތު ވެސް ކޮށްފަ އެވެ. މި މައްސަލަ އެގައުމުގެ އެފްބީއައިއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބްރެޒިލްގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުން ބޮލްސޮނާރޯގެ އިދިކޮޅު ޕާޓީއަށް ކާމިޔާބު ލިބޭނެ އެވެ. -- ސީއެންއެން