ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށް، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ބައެއް ބިޑްތައް ބާތިލުކުރުމަށްފަހު ވަކި ފަރާތްތަކަށް ނާޖައިޒު ފައިދާ ހޯދައިދީފައި ވާތީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ނައިބުން މައްޗަށް ދައުވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ފޮނުއްވައިފި އެވެ.

މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އަމިއްލަ ފަރާތްތަކުން އޭސީސީން އަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްފަހު އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުއްވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީގައި ހިމެނޭ މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ އާއި މިނިސްޓަރުގެ ނައިބު ހަމަދު އަބްދުލް ޣަނީ އިތުރުން އަލީ އިކްރާމް (ވައިލެޓްވިލާ، ވ. ކެޔޮދޫ) އާއި، މުހައްމަދު ނިޒާރު އާދަމް (ގުލްބަކާގެ، ނ. މަނަދޫ) އާއި، މަރްޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ / ހއ. ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ. މާލެ) ގެ މައްޗަށެވެ.

އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ، މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހަޅާފައިވަނީ ތިން ކުންފުންޏަކުން ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށް އޭސީސީން ބުންޏެވެ.

"ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައި ވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލުކުރުމަށްފަހުގަ އެވެ. އޭގެއިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވެ އެވެ." އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އޭސީސީން ބުނެފައިވަނީ ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީއިން ބުނީ އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގުށް ސާބިތުވާ ކަމަށެވެ. އަދި މި މައްސަލައަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހު އެ ކޮމިޝަނުން ހުށަހެޅުނު މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީގައި ފިޔަވަޅު އެޅައިދިނުމަށް އެދިފައިވާ މައްސަލައެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ މި މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ. އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ގާއިމްކޮށްފައިވާ އެ އެއްބަސްވުން މިއަހަރުގެ އޭޕްރީލު މަހުގެ 15 ވަނަ ދުވަހު ވަނީ ބާތިލުކޮށްފަ އެވެ.