ޓައިޕޭ (06 އޮކްޓޯބަރު) - ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަހައްދަށް އަސްކަރީ މަތިންދާބޯޓާތަކެއް ފޮނުވުމާއެކު ދެގައުމުގެ މެދުގައި އޮތް ދުވަސްވީ ނުތަނަވަސްކަން އިތުރުވެއްޖެ އެވެ.
ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ބުނީ މިދިޔަ ހޯމަ ދުވަހު ޗައިނާގެ 56 އަސްކަރީ މަތިންދާ ބޯޓެއް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. މިއީ އެއް ދުވަހެއްގެ މަތިން މިހާ ގިނަ މަތިންދާ ބޯޓު ފެނުނު ފުރަތަމަ ފަހަރެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާއިން ފޮނުވި އަސްކަރީ މަތިންދާބޯޓުތަކުގެ ތެރޭގައި 39-ޖޭ 16 ފައިޓާ ޖެޓުތަކާއި 12 އެޗް-6 ބޮމްބާސްގެ އިތުރުން އެސްޔޫ 30 ގެ ފައިޓާ ބޯޓުތައް ހިމެނެ އެވެ.
ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތައް ޓައިވާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށުމާއެކު ރޭޑިއޯ މެދުވެރިކޮށް އިންޒާރުދީ އެ ގައުމުގެ އެއާ ޑިފެންސް މިސައިލް ސިސްޓަމް އެކްޓިވޭޓް ކުރެވި މަތިންދާ ބޯޓުތަކުގެ ހަރަކާތްތައް ގާތުން ބަލަމުން ދިޔަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާގެ މި ހަރަކާތްތަކާއެކު ޓައިވާނުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރި ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ.
ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ހިންގުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބުނެ ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޗައިނާއާއި ޓައިވާނަކީ ބިމުގެ މައްސަލައިގައި ދުވަސްވީ ހަތުރުންނެވެ. ވަކި ދައުލަތެއް އިއުލާން ކޮށްފައިވާ ޓައިވާނުގެ ބިމަކީ ޗައިނާގެ މިލްކެއް ކަމަށް އެގައުމުން ދައުވާކުރެ އެވެ.
މި ދެގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން މިފަހަކަށް އައިސް ބޮޑުވެ އެއްގައުމުން އަނެއް ގައުމަށް އިގްތިސާދީ ދަތި ކުރުން ތަކެއް ވެސް މީގެ ކުރިން އަޅާފައިވެ އެވެ. – ސީއެންއެން