ލޮނުޒިޔާރަތް ކޮޅުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިޔަ ބްރިޖް ވިއުއިން ޕްލެޓް ފޯމާއި ފުޑް އައުޓްލެޓް އާ ގުޅޭ މައްސަލައެއްގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

މުއިއްޒުގެ އިތުރުން މި މައްސަލާގައި އޭސީސީން ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އޭސީސީއިން ބުނީ ޑރ.މުއިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ދައުވާ އާއި، ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި ހަބީބުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފައިވަނީ ވެސް ގާނޫނުލް އުގޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީއިން ބުނެ އެވެ.

މިމައްސަލައާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިއާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވެފައިވާ ކަމަށާއި އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2،464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފު ކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަން ޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާއިރު، އަދި ހައުސިން މިނިސްޓްރީއަށް އެ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ލިބިދީފައިއޮވެމެ، އެ އިހްތިޔާރުގެ ބޭނުންނުކޮށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާ ގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލު ގެނެސް އިސްލާހުތައް ގެނެސްފައި ވާތީ އެކަމުގައި ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަސްލަހަތު އިސްކޮށްފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެ އެވެ.

"ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށް ދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެމިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. މި ހުށަހެޅުމާގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް 13 އޭޕްރީލް 2017 ގައި އެއްބަސްވުމަށް ފުރަތަމަ އިޞްލާޙު ގެނެސްފައިވާއިރު، މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން ޢަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައިކަން އެނގެ އެވެ. މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުން އެނގޭއިރު، އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގުސަދާ ހިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީ.އެސް.އާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައި ނުވެ އެވެ." އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭސީސީއިން ބުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2018 ވަނަ އަހުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.9 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ބޭނުމަށް ޗާޓައިމް ނެގުމަށް ނިންމާ އެކަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެކުންފުނިން އެކަމަށް އިއުތިރާޒުކޮށްފައި ނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ. ނަމަވެސް ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ފޮނުވާފައިވާ އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައި ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

"ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން 26 ސެޕްޓެންބަރު 2018 ގައި އެދުނު ގޮތަށް އަލުން ބަދަލެއްގެ ގޮތުގައި އެކުންފުންޏަށް 32,165,139.00 ރުފިޔާ ހޯދަން ހަމަ އެދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށް، ފައިސާގެ ބަދަލަކީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ދޭހަވާ ގޮތަށް އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުރިން ބަދަލު ލިބިފައިވާކަމުގެ ސައްހަ މައުލޫމާތު ހާމަނުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވެ އެވެ،" އޭސީސީއިން ބުނެ އެވެ.

ޑރ. މުއިއްޒު ސޮއިކޮށް ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ޗާޓައިމް ވަކިކޮށް އެއްބަސްވުން އިޞްލާހުކޮށްފައިވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޗާޓައިމްއަކީ އިނީޝިއަލް އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމާއި، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 އޭޕްރިލް 2018 ގައި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިސްލާޙުގެ ޒަރީއާއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދުނު އިތުރު ކަންކަމަށް ހުއްދަދީ ބަދަލުދީފައިވާ ކަމަށް އޭސީސީން ބުނެ އެވެ.