އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މާސްމީޑިއާގެ ކަޅުވިލާތަކުގެ ކޮޅީގަނޑުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ގައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިގުލާލް ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަ ކަމަށެވެ. އަޅުގަނޑުމެންގެ މިލޮބުވެތި ވަތަންގެ ފަޚުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނާ ޤައުމު ހަވާލުކޮށްފައި މިވަނީ އެތައްބޮޑު ގުރުބާނީއަކުން ކަމަށެވެ. އަދި މިއަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ދިވެހި ބަހަށް ފަރިތަ, ދިވެހި ތާރީހާއި ތަގާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައިހުރި ރީތި އާދަތަކާ ސިފަތައް ނަގަހައްޓަން ޖެހޭ ކަމަށެވެ.

"ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމާއި, ކުޑަކުދިންނަށް އޯގާތެރިވުމުގެ މާތްސިފަ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ ލިބިގަންނަންޖެހޭ. ޒަމާނުންސުރެ ދިވެހިން މަޝްހޫރުވެފައިވާ މެހުމާނުންނަށް ކަމޭހިތުމުގެ ރީތި ސިފަތަކުން ޖަރީވާންޖެހޭ" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިނާމްތައް ލިބިވަޑައިގެންނެވި ބޭފުޅުންގެ އަގުވަޒަންކުރައްވާ މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރުގައި ދެވޭ ތަފާތު ޝަރަފާ އިނާމް ހާސިލްކުރައްވާ ބޭފުޅުން އެހިސާބަށް އެވަޑައިގެންނެވީ ގައުމަށްޓަކާ ކުރައްވާފައިވާ ވަރަށްގިނަ ޚިދުމަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެހެންކަމުން އެ ހުރިހާ ބޭފުޅުންނަށް މިނިސްޓަރު އިމްރާން މަރުހަބާ ދެންނެވި އެވެ.

ދުނިޔޭގެ އެންމެ ގިނަ ގައުމުތައް ތަމްސީލްކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކުން އިންތިހާބުކުރެވުނު މިތާރީހީ ދަނޑިވަޅުގައި, އެމަގާމަށް އިންތިހާބުކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ޝަރަފްވެރި ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްކަމަށް ވިދާޅުވެ, އެމަނިކުފާނަށް މަރުހަބާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި, އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.