ތި އުޅެނީ ހުސްބަނޑާ ހުރެ މުހިއްމު ބޮޑު ނިންމުމެއް ނިންމަން ހެއްޔެވެ؟ އެހެންވިއްޔާ އިހަށް ކައިގެން ތިކަން ކުރަން މަޑުކޮށްލާށެވެ.

ބަނޑުހައިވެފައި ހުރެ ނިންމުމެއް ނިންމާއިރު ބައެއް ފަހަރު ތިމާ ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް އެ މައްސަލަ ނިމުނަސް "އޯކޭ" ވެފައި ހުރެވެ އެވެ.

ޔުނިވަސިޓީ އޮފް ޑަންޑީގެ ސައިކޮލޮޖީ ޑިޕާޓްމެންޓްގެ ބެންޖަމިން ވިންސެޓް އަދި ކޯ-އޯތާ ޖޯޑަން ސްކައިނާ ވަނީ 50 މީހުން ދެ ފަހަރަށް ޓެސްޓް ކޯށްފަ އެވެ. ފުރަތަމަ ޓެސްޓް ކުރީ އެމީހުން އާންމުކޮށް ކާ މިންވަރަށް ކައިގެން ހުންނަ އިރު އެވެ. ދެވަނަ ފަހަރު ޓެސްޓު ކުރީ އާންމުކޮށް ކާ ވަރަށް ވުރެ މަދުން ކައިގެން ތިބޭ އިރު އެވެ.

މި ދިރާސާގެ ބައިވެރިންނަށް ލިބޭ ހަދިޔާތަކަކީ ކާ އެއްޗެހި، ފައިސާ އަދި ލަވަ ޑައުންލޯޑު ކުރުމެވެ. މީގެއިން ފާހަގަވި ގޮތުގައި މީހުން ބަނޑުހައިވެފައި ތިބޭ އިރު މީގެ ތެރެއިން މަދުމިނެއް ލިބުނަސް އެންމެ ހެޔޮކަމަށް އެއްބަސްވެ އެވެ.

މީގެ ކުރިން އިންގްލެންޑުގެ ކެމްބްރިޖް ޔުނިވަސިޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ސެރެޓޮނިން އަކީ ގިތް ނިންމުމުގެ ބާރާށް އަސަރު ކުރާ އެއްޗެކެވެ. ސެރެޓޮނިން އުފައްދާ ރޯ މެޓީރިއަލް ކަމަށްވާ އެމައިނޯ އެސިޑް ލިބެނީ ކާއެއްޗެހީގެ ޒަރިއްޔާއިންނެވެ. އެހެން ކަމުން ކެއުމުގެ ވަގުތުތަކުގެ ދެމެދުގައި ހޭދަވާ ވަގުތުގައި ހަށިގަނޑުގައި މި މާއްދާ ދަށްވެ އެވެ. އެހެން ކަމުން މީހާގެ މޫޑަށް ބަދަލުއައިސް ރުޅިގަދަވާ ގޮތް ވެސް ވެ އެވެ.

ބައެއް ކަހަލަ ކާއެއްޗަކީ އޭގައި ގިނަ އަދަދަކަށް އެމައިނޯ އެސިޑް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ކުކުޅު، ސޫޕް، ސޮކްލެޓް، ރެޑް މީޓް، އެކި ވައްތަރުގެ ބަދަން، ދޮންކެޔޮ، ކަނޑުމަސް އަދި ސޯއީ ޕްރޮޑަކްޓްސް ފާހަގަކޮށްލެވެ އެވެ.

އެހެން ކަމުން މުހިއްމު ނިންމުމެއް ނިންމަން ޖެހިއްޖެ ނަމަ މި ބާވަތުގެ ކާއެއްޗެއް ކައިގެން ބަނޑުފުރާލައިގެން ހުންނަންވާނެ އެވެ.