ވިޓަމިންސް އަކީ އަހަރެމެންގެ ހަށިގަނޑަށް މުހިއްމު މާއްދާއެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އޭގެ ބޭނުންތެރިކަމާއި އެއިން ލިބޭ ފައިދާތަކަކީ ޑޮކްޓަރުން އަބަދު ވެސް ދައްކާ ވާހަކަ އެކެވެ.

ވިޓަމިންސްގެ ތަފާތު ގިނަ ވައްތަރުތަކެއްގެ ނަން އެނގޭއިރު، އެ ވައްތަރުތަކުގެ މެދުގައި ހުރި ތަފާތާއި އެ ވައްތަރުތަކުން ހަށިގަނޑަށް ލިބިދޭ ފައިދާތައް ގިނަ ފަހަރަށް އޮންނަނީ ނޭނގި އެވެ.

ވިޓަމިންސްގެ ތަފާތު 13 ވައްތަރެއް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޓަމިންސް އޭ އިން ފެށިގެން ކޭ އާ ހަމައަށް ލެޓިންގެ އަކުރުތަކުން ނަން ދީފައިވާ ވިޓަމިންސްތަކެވެ. މީގެ ތެރެއިން ވެސް ވިޓަމިން ބީ އިތުރު ހަ ބަޔަކަށް ބެހިގެންވެ އެވެ.

ވިޓަމިން އޭ އަކީ ހަށިގަނޑުގައި އުފެދޭ އިންފެކްޝަންތަކުން ސަލާމަތްވުމަށް އެހީވެދޭ މާއްދާ އެކެވެ. ދެ ވައްތަރެއްގެ ކާނާގެ ބާވަތުން ވިޓަމިން އޭ ލިބިދޭއިރު، އެއްބާވަތަކީ މަހުގެ ބާވަތްތަކެވެ. އަނެއް ބާވަތަކީ ގުދުރަތީ ކާނާގެ ގޮތުގައި ބެލެވޭ ތަރުކާރީ އާއި މޭވާގެ އިތުރުން ފަތްޕިލާވެއްޔެވެ.

ހަށިގަނޑުގައި އުފެދޭ ޖަރާސީމްތައް ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ވިޓަމިންއަކީ ވިޓަމިން ސީ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދިއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި އެ އިންފެކްޝަނެއް ރަނގަޅު ކުރުމަށް އެހީ ވެދޭ މާއްދާ އެކެވެ. ވިޓަމިން ސީ ލިބިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސިޓްރަސް މޭވާތަކާއި ފެހިކުލަ ގަދަ ފަތްޕިލާވެލި ހިމެނެ އެވެ.

ވިޓަމިން ޑީ އެހީތެރިވެ ދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށް ދިނުމަށެވެ. އެހެން ވިޓަމިންތަކާ ޚިލާފަށް މި ވިޓަމިން ލިބެނީ ކާނާ އަށްވުރެ ބޮޑަށް އިރުގެ އަލިންނެވެ. ދިފާއީ ނިޒާމުގެ އިތުރުން ކަށިތަކުގެ ސިއްހަތާއި ދަތްތަކުގެ ސިއްހަތަށް ވެސް ވިޓަމިން ޑީއަކީ މުހިންމު މާއްދާ އެކެވެ.

ވިޓަމިންސްގެ އެކި ބާވަތްތަކަކީ އަހަރެމެންގެ ހަށިގަނޑަށް ފައިދާހުރި މާއްދާތަކަކަށް ވީއިރު އެ މާއްދާތައް ހަށިގަނޑަށް ފޯރުކޮށް ދިނުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނެ ކަމެކެވެ.