އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދުގައި މަރާލާފައި އޮއްވާ ފެނުނު މީހާގެ މައްސަލައާ ގުޅިގެން، ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކާއި، މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ހިއްސާކުރަން ފުލުހުން އެދެފި އެވެ.

ފުލުހުން ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކާއި، މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ. އެގޮތުން މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.

ހުކުރު ދުވަހު މެންދުރެއްހާއިރު މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ، ސިދުރަތުﷲ އަހުމަދު 31 އެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހުކުރު ދުވަހުގެ ހެނދުނު 10:40 ކަންހާއިރު އެވެ.

ފުލުހުން މިރޭ ބުނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި،" ފުލުހުން ބުންޏެވެ.