ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށް ވިދާޅުވެ މާލީ ވަޒީރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅު ދިފާއު ކުރައްވާ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވާހަކަފުޅު ދައްކަވައިފި

ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށް ވިދާޅުވެ، މާލީ ވަޒީރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅު ދިފާއު ކުރައްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވާހަކަފުޅު ދައްކަވައިފި އެވެ.

ޑރ. މައުސޫމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ އަމީރު ދެއްކެވި ވާހަތައް އިގްތިސާދީ ނަޒަރަކުން ފަހުމް ކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަދަރުގެ މިހާރުގެ ހާލަތު އޮތް ގޮތުން މިއަހަރާއި އަންނަ އަހަރު ވެސް ފަތުރުވެރިން ތޮއްޖެހި ޖާގައިގެ ދަތިކަން ކުރިމަތިވާނެކަމީ އޮތް މާސިންގާ ގޮންޖެހުމެއް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މާޒީގެ ވާހަކަ ދެއްކިއަސް، މާޒީގަ ތާށިނުވެ، މާޒީން އިބުރަތް ހާސިލުކޮށްގެން ކުރިއަށްދިއުމަށް ބުރަކޮން މަސައްކަތް ކުރުން ބުއްދިވެރި ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ޖީއެމްއާރާ ދެކޮޅަށް 2012 ވަނަ އަހަރު ރައްޔިތުން އަޑުއުފުލި އިރު އެކަމަށް ތާއީދުކޮށް އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓުވިޓާގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އަދި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއާޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އަމީރުގެ މިވާހަކަތަކަށް ގިނަބަޔަކު ދަނީ ރައްދުދެމުންނެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ކުރިއަށް ނުގެންދެވި މިސަރުކާރު އޮތީ ފެއިލްވެފައި ކަމަށް ގިނަ ފަރާތްތަކުންދަނީ ފާޑުކިޔަމުންނެވެ.