ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުން ފުލުހުންގެ ވަޒީފާއިން ވަކި ނުކުރުމަށް އަމުރުކޮށްފައިވާ އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު އަދި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ. މި ތިން އޮފިސަރުން މަގާމުން ވަކި ކުރުމަށް މިހާރު ވަނީ 10 ދުވަހުގެ ނޯޓިހެއް ފޮނުވާފައެވެ. އެ 10 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވަނީ މިރޭގެ 12:00ގެ ނިޔަލަށެވެ.

ހައިކޯޓުން އެގޮތަށް އަމުރު ނެރެފައި މިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރެއްގައި އެވެ.

ފުލުހުންގެ ބޯޑުން ހަތް ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާދީފައިވަނީ މިދިޔަ އޯގަސްޓް މަހުގަ އެވެ. އެގޮތުން ވަކިކުރުމަށް ލަފާދީފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން ފަސް އޮފިސަރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި ޝަރީފު އަދި މުހައްމަދު ދާވޫދެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސް މި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

ފުލުހުންގެ އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ލަފާ ދީފައިވާތީ، އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) މިހާރު ވަނީ ވަޒީފާ އިން ވަކިކޮށް ޗިޓް ހަވާލުކޮށްފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން ސޮއިކުރައްވާ ފޮނުއްވި ޗިޓުގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ މަގާމުން ވަކިކުރެއްވީ ކަމަށެވެ.

ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވަނީ ދިވެހި ޗެމްބަރސްގެ ފަރާތުންނެވެ.

ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.