ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފަސް ކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެނުދިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މިމައްސަލާގެ އަޑު އެހުމެއް މާދަމާ ހަވީރަށް ވަނީ ހައި ކޯޓުގައި ތާވާލުކޮށްފަ އެވެ. އެގޮތުން މިއަޑު އެހުން ތާވަލުކޮށްފައިވަނީ މާދަމާ ހަވީރު 4:30 ގަ އެވެ.

ފުލުހުންގެ ބޯޑުން ހަތް ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާދީފައިވަނީ މިދިޔަ އޯގަސްޓް މަހުގަ އެވެ. އެގޮތުން ވަކިކުރުމަށް ލަފާދީފައިވާ އޮފިޝަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން ފަސް އޮފިސަރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ދާވޫދެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޭގެ ތެރެއިން ދެ އޮފިސަރަކު މިމަހުގެ 10 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާއިރު، ދެން ތިބި އޮފިސަރުންނަށް ވަނީ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ފޮނުވާފަ އެވެ.

މަގާމުން ވަކިކުރި ދެ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.

އެ މައްސަލައިގައި އެދިފައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށެވެ.