ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ތޮއްޑޫ ކައުންސިލްގެ އަމާޒަކީ ލާމާރުކަޒީ ގާނޫނަށް ގެންނަ ބަދަލާއެކު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ފުރިހަމަ ބޭނުން ހިފައި ރަށަށް ތަރައްގީ ގެނެސްދިނުން ކަމަށް ތޮއްޑޫ ކައުންސިލުން ބުނެފި އެވެ.

ތޮއްޑޫ ކައުންސިލް މިއަދު ހެނދުނު އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލުން ވަނީ މަގު ހެދުމަށް ބޭނުންވާ ކަމަށާއި، ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާއި ދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ފާހަގަކުރައްވާ އެވެ. މީގެ އިތުރުން ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ. މިގޮތުން، މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި، ރަށުގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ރަށުގެ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް ނިމި 12 ކްލާސްރޫމް ނިމިފައިވާ ކަމަށް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގޮތްތަކެއް ބައްލަވަމުން ގެންދަވާ ކަމަށާއި ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިޔާއަތްކޮށް މަސައްކަތްކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފަ އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ވަނީ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އއ. އަތޮޅުގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.