ކޮރަޕްޝަންގެ ތުހުމަތުގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އޭނާ ނިދަން ވަކި ޚާއްސަ މެޝިނެއް އެހީގައި ކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެހުންތެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އިމްރާން ވިދާޅުވީ އަދީބު ނިދުމަށް މެޝިނެއް ބޭނުންކުރަން ޖެހޭ ކަމުގެ ލިއުމެއް ޑޮކްޓަރުން ދެއްވާފައިވާ ކަމަށާއި އެ ގޮތަށް ލިއުން ދެއްވީ ޖަލުގައި ހުންވަނކޮށް އޭނާ ވެއްްޓި ވަޑައިގަތް ފަހުން ކަމަށެވެ. އަދީބު ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭ މެޝިނެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެެ. އެކަަމަކު ޖަލުގައި އެ މެޝިން ބޭނުން ނުކުރެވެނީ ކޮން ސަބަަކާ ހެދި ކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އަދީބު ގެއަށް ބަދަލުކުރުމުން ވަރަށް ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އަދީބު ޖަލުގެ ބަދަލުގައި ގޭގައި ހުރުމަށް ފުރުސަތު ދެއްވާފައި ވަނީ ކޮން އުސޫލަކުންތޯ އެހުންތެރިއަކު އެޕްރޮގްރާމްގައި މިނިސްޓަރަށް ސުވާލު ދެންނެވުމުން އިމްރާން ވިދާޅުވީ، އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަ ކަމަށާއި، ފުއްޕާމެއާއި ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތަކުގައިވާ ކަމަށެވެ.
"ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެ މިޝަނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގައި އެ މެޝިން ގާއިމްކުރެވިފައި ހުރިކަމަށް ވަނީ،" އިމްރާން ވިދާޅުވި އެވެ.
އަދީބާ ގުޅޭ ގޮތުން ކުރި ސުވާލުގެ ކުރިން އެހުންތެރިއަކު ކުރި އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖަލު ހުކުމެއް އޮންނަ މީހުން، އެކި ސަބަބުތަކާ ހެދި ގޭގައި ބޭތިއްބޭ އުސޫލެއް އޮންނަ ކަމަށެވެ. އަދި ޖަލު ނޫން ތަނެއްގައި އެފަދަ މީހުން ބައިތިއްބަން އިޖުރާއަތްތަކެއް ހުންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އަދީބު ގެއަށް ބަދަލުކޮށްފައި ވާއިރު އެއަށްވުރެ ކުރު މުއްދަތެއްގެ ޖަލުހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށްް ބަދަލުކޮށް ނުދެއްވަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޔާމީނަށް ޑޮކްޓަރުން ދެއްވި ލިއުމުގައިވާ އިރުޝާދަށް އެމަނިކުފާނު އަމަލުނުކުރެއްވީ ކަމަށެވެ. އެގޮތުން ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހައްދަވަން ބޭރަށް ވަޑައިގަންނަވަން ދެންނެވުމުން ޔާމީން އެކަން ގަބޫލުނުކުރެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން، ޑޮކްޓަރު އެބަ ވިދާޅުވެޔޭ މަނިކުފާނު ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް. އެހެންވީމާ އެ ޓެސްޓްތައް ހެއްދެވުމަށް ޓަކައި ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޮން ގައުމަކަށްތޯ މި ރީޖަންގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.