ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްފިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އެ އޮފީހުން އެކުލަވާލި ރިޕޯޓްގައި ވަނީ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގާއި މިސަރުކާރުން ކަނޑައަޅާފައިވާ އަގުގެ އިތުރުން މިހާރުގެ ސިޓީ ކައުންސިލުން ހިޔާ ފްލެޓްތަކުގެ ކުއްޔަ ކަނޑައަޅާފައިވާ އަގުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.
މިރިޕޯޓްގައި ވާ ގޮތުން 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600 ރުފިޔާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށެވެ.
އަދި މެއިންޓަނެންސް ފީގެ 1،000 ރުފިޔާ ހިމެނޭހެން ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
މި ރިޕޯޓުގައިވާ ގޮތުން މިއަހަރު އެޗްޑީސީން ކަނޑައެޅި 11،000 ރުފިޔާއަށް ހައުސިން ޔުނިޓެއް ވިއްކައިފިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މީގެ އިތުރުން ހައުސިން ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5،548 ރުފިޔާއަކީ، 36.3 ޕަސެންޓްގެ އިންޓަރެސްޓާއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއްނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 3.3 ޕަސެންޓްގެ އެލްއައިބީއޯއާރް ކަމަށްވާއިރު، މާލެސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ އެލްއައިބީއޯއާރްގެ އަންދާޒާކަމުގައިވާ 06.0 ޕަސެންޓަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19އާ ގުޅިގެން ވަރަށް ބޮޑަށް އެލްއައިބީއޯއާރް ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި އެލްއައިބީއޯއާރް ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް އެލްއައިބީއޯއާރް އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެޗްޑީސީންކުރި ހިސާބަކީ އެ ކުންފުނިން މި މަޝްރޫޢަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، އެ އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާކުރައްވާފަ އެވެ.
އަދި މިފަދަ މަޝްރޫޢުތަކުގެ އަގު ކަނޑައެޅުމުގައި ޢާންމުކޮށް ބޭނުންކުރާ އީއެމްއައި މެތަޑް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޭނުންކުރިނަމަ 2018 ވަނަ އަހަރު ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ހައުސިން ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާ ކަން މިރިޕޯޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އޭރު ކަނޑައެޅި 5،600 ރުފިޔާއަށް ވިއްކި ނަމަ، އެޗްޑީސީ އަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެ ކަމަށާއި ސަބަބަކީ މަޝްރޫޢު ހިންގުމަށް ފުރަތަމަ ނެގި ލޯނުތަކާއި، ރީފައިނޭންސިންއަށް ނެގި ލޯނުތަށް އަނބުރާ ދެއްކުމަށް ބޭނުންވާ މިންވަރަށް ފައިސާ ހޯދަން ހައުސިން ޔުނިޓުތައް އަގުކުރެވިފައި ނުވުމުން ފައިސާ ނުލިބޭނެތީކަން މި ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.
މި ރިޕޯޓުގައި އޮޑިޓަ ޖެނަރަލްވަނީ ލޯނު ނަގައިގެން ހިންގާ ހައުސިން މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް ލަފާދެއްވާފަ އެވެ.