ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ ޒުވާނުންގެ އެވޯޑް މިއަހަރު ދިހަ ފަރާތަކަށް ދެއްވައިފި އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 10 ދާއިރާއަކުންނެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތައް:

1. ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން: އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން)

2. އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން: ނާޒިމް ހަސަން (ކޯނަރު، ކުޅުދުއްފުށި)

3. ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން: އަހުމަދު އަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)

4. ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން: އައިޝަތު ތާއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި)

5. ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - އަފާ ޙުސައިން (ޕާކް، ކުޅުދުއްފުށި)

6. މަސްވެރިކަމުގެ ދާއިރާއިން: އަބްދުﷲ ޔަމާން (ގުރުވަ، ލ. ގަން ތުނޑި)

7. ދަނޑުވެރިކަމުގެ ދާއިރާއިން - އަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)

8. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން: މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356

9. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން: ހަސަން ފަރުޙާން މުހައްމަދު (މ. މިޓްރީޕާކް، މާލޭ ސިޓީ)

10. ދިވެހިބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން: އިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ "ޒުވާނުންގެ ބައިވެރިވުން، ގައުމުގެ ކުރިއެރުން" މި ޝިއާރުގެ ދަށުންނެވެ. ޒުވާނުންގެ ދުވަސް ޔޫތު މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް ފާހަގަކޮށްފައިވަނީ ކުޅުދުއްފުށީގަ އެވެ. އެހެންނަމަވެސް މި ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކާއި ޔޫތު މިނިސްޓްރީ ގުޅިގެން ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގަ އެވެ.