ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ 10 މެމްބަރުންގެ ސޮއި ހަމަވުމާއެކު އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. އަދި އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވެސް އެ މައްސަލާގައި ސޮއިކުރަން ތައްޔާރަށް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ނިންމީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަ އާއި އަދި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ފުލުހުން ބަދުނާމުކޮށް ދައްކާފައިވާ ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ކަމަށް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.
މަޖިލީހުގައި ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ ނުވަ މެމްބަރަކު އެބަތިއްބެވި އެވެ. އަދި މެމްބަރުންގެ ގޮތުގައި ހަ މެމްބަރުން އެބަތިއްބެވިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަންކުރާ އެމްޑީޕީގަ އެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ޖޫން މަހު ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކުރިން އަޑު ފެތުރުނުހާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ ބޮޑުކޮށްލައިގެން ބަޔަކު ދެއްކިޔަސް، ރޭޕްގެ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވުމުން ގިނަ ފާޑުކިޔުންތަކެއް ދަނީ އިމްރާނަށް އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ އެއީ ބޮޑު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށާއި މީޑިއާތަކުގެ އެ ވާހަކަ ގެނެސްދިނީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އިމްރާންގެ ޓްވީޓްގައިވެ އެވެ. އަދި ނޫސްވެރިން ވެސް ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަން އޭނާ ގޮވާލައްވާފައިވެ އެވެ.