ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކަސްރަތު ކުރުމަކީ ފަލަކޮށް ތިބޭ ބޮޑެތި މީހުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހަގީގަތަކީ ކަސްރަތު ކުރުމަކީ ހަމައެކަނި ބޮޑެތި މީހުން ކުރަން ޖެހޭ ކަމެއް ނޫން ކަމެވެ. ކުޑަކުދިންނަށް ވެސް ކަސްރަތު ކުރުމުގެ މުހިއްމުކަން ބޮޑެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 12 އަހަރާއި 15 އަހަރާއި ދޭތެރޭ އުމުރުގެ 17 އިންސައްތަ ފިރިހެން އަދި 16 އިންސައްތަ އަންހެން ކުދިންނަކީ މާ ބަރުކޮށް ތިބޭ ކުދިންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއީ ފަލަ ކުދިންނެވެ. ކުޑަކުދިންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިކުދިންނަކީ އެގައުމުގައި ދުވާލަކު އެއްގަޑިއިރުގެ ކަސްރަތު ނުލިބޭ ކުދިންނެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް ބަލާއިރު، ކަސްރަތު ލިބޭ ފަދަ ކުޅިވަރުތަކަށް ކުދިން ދަނީ ދުރު ވަމުންނެވެ. ކޮމްޕިއުޓަރު ގޭމްތަކާއި ޓީވީ ގޭމްތައް މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ވެފައިވުމުން ކަސްރަތު ލިބޭފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރު ވަމުންނެވެ. ސަބްމެރިން އާއި ބާގާ ފަދަ ސިއްހަތަށް ގެއްލުންހުރި ބާވަތްތަކަށް ކުދިން އަންނަނީ ލޯބިޖެހި ދެވި ހިފަމުންނެވެ.
ކަސްރަތު ކުރުމުން ލިބޭ ޖިސްމާނީ ފައިދާ ތަކުގެ އިތުރުން އެހެން ފައިދާ ތައް ވެސް ކުދިންނަށް ލިބެ އެވެ. ސުކޫލުގައި ފިލާވަޅު ދަސްކުރުމާއި އިމްތިހާނު ތަކުގެ ސަބަބުން ލިބޭ ބޮލުގައި ރިހުންތައް ފިލުވާލައި ކަމަކަށް ކަސްރަތުވެ އެވެ. އަދި ތިމާގެ ދަރިފުޅަށް އިތުރު ރަހްމަތްތެރިން ހޯދުމަށްވެސް ކަސްރަތު އެހީތެރިވެ އެވެ. އެއާއެކު ކަސްރަތު ކުރުމުގެ ތެރެއިން ކުދިންގެ ގައިގައި ހުންނަ ހުނަރުތައް ފެނިގެންދެ އެވެ. އެހުނަރުތައް ދެނެގަނެވިއްޖެ ނަމަ އެކަންކަން ތަރައްގީ ކޮށްގެން ތިމާގެ ދަރިފުޅު މޮޅު އެތުލީޓަކަށްވެސް ހެދިދާނެ އެވެ.
ކުޑައިރުން ފެށިގެން ތިމާގެ ދަރިފުޅަކީ ކަސްރަތު ކުރުމަށް ލޯބި ޖެހިގައި ހުރި ކުއްޖަކަށް ހެދިއްޖެނަމަ، ބޮޑު ވުމުން ވެސް އެއާދަތައް ހިފަހައްޓާނެ އެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ފަލަވުމުން ދިމާވާ އެހެން މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވާނެ އެވެ. ހިނގަން ދަމުން ދަރިންވެސް އެކީގައި ގެންދާށެވެ. އަދި ފަތަންދާނަމަ ފަތަން ވެސް ގެންދާށެވެ.