ކުޑަ ދަރިފުޅު ނުކާތީ ކަންބޮޑުވޭ ހެއްޔެވެ؟ ކަންބޮޑުވާނަމަ ދަރިފުޅު ނުކަނީ ކީއްވެތޯ ވިސްނާލިން ހެއްްޔެވެ؟ ރަނގަޅަށް ނުކާނަމަ ދަރިފުޅު ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. މި ލިޔުމުގައި މި ބަލާލަނީ ދަރިފުޅު ނުކާން ބޮޑާ ހާކާނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކާންދިނުމުގައި ތަފާތު ބާވަތްތައް ހިމެނުން
ދަރިފުޅަށް އެންމެ ފައިދާ ހުރި ބާވަތްތައް ކާންދިނުމުގެ ގޮތުން ކޮންމެ ފަހަރަކު އެކެއްޗެއް ދެވޭތަން ވަރަށް ގިނަ ފަހަރު އާދެ އެވެ. ނަތީޖާއަކަށް ވަނީ އަބަދު އެކައްޗެއް ކައިކައި ކުދިން ކެއުން މަތިން ފޫހިވުމެވެ. މީގެ ބަދަލުގައި ތަފާތު ވައްތަރުތައް ދޭން އާދަކުރާށެވެ.
ހަމަޖެހިގެން ކާން ދިނުން
ބުރަކޮށް ވަޒީފާގައި އުޅެމުން ދަރިފުޅު ބަލާ މައިން ހުސްވަގުތުކޮޅުގެ ގޮތުގައި އޮފީހުން ލިބޭ އެއްގަޑިއިރު ދަރިފުޅަށް ކާންދިނުމަށްޓަކައި ހުސްކުރެ އެވެ. އެވަގުތުގައި ދަރިފުޅު ނުކާން ބޮޑާ ހާކާ ނަމަވެސް އުފާވެރި މޫނަކާއެކު ހަމަޖެހިގެން ކުއްޖާއަށް ކާންދޭން މަސައްކަތް ކުރުން މުހިންމެވެ. ރުޅި އިސްކުރުމުގެ ބަދަލުގައި ދަރިފުޅު ހިތްހަމަ ޖައްސައިދީގެން ކާންދޭށެވެ.
ތަފާތު ގޮތަކަށް ކާނާ ތައްޔާރުކުރުން
ކުއްޖާގެ ސަމާލުކަން އެންމެ ފުރަތަމަ ލިބޭނީ ތައްޓަށް ކާއެއްޗެހި ތައްޔާރު ކޮށްފައި ހުންނަ ގޮތަށެވެ. ތަރުކާރީ އާއި މޭވާ ދޭއިރު އެތަކެތި ތަށީގައި ރީތި ގޮތަކަށް އަތުރާލައިފިނަމަ އޭގައި ލާ ރަހަ މާ ކަމުނުދިޔަސް ކުދިން ގަޔަވާނެ އެވެ.
ކާއެއްޗެހި ހެދުމުގައި ދަރިފުޅު ބައިވެރި ކުރުން
ކެއްކުމަށް ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށް ދާއިރު ދަރިފުޅު ގެންދާށެވެ. ހަރުގަނޑުން މޭވާ އާއި ތަރުކާރީ ފަދަ އެއްޗެހި ނަގާށެވެ. ހަމަ އެގޮތަށް ކައްކާ ގަޑީގައި ވެސް ކުއްޖާގެ އުމުރާ ގުޅޭ ބައެއް މަސައްކަތް ޖައްސާށެވެ. އެގަޑީގައި ވާހަކަ ދައްކައި ކުއްޖާގެ ހިޔާލު ވެސް ހޯދާށެވެ. އޭރުން ކާގަޑިއަކީ ވެސް ދަރިފުޅަށް އުފާވެރި ވަގުތުކޮޅަކަށް ވާނެ އެވެ.