ކެންބަރާ (ނޮވެމްބަރު 1) - އެމެރިކާއާއި އިނގިރޭސިވިލާތުން ސަބްމެރިން ގަތުމަށް ސިއްރުން މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށް، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް ދޮގު ހެއްދެވި ކަމަށް ދެކެވޭ ވާހަކަތައް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ދޮގު ކުރައްވައިފި އެވެ.

އޮސްޓްރޭލިއާ ބޮޑުވަޒީރުގެ ނައިބު ބާނާބީ ޖޮއިސް ވަނީ ފްރާންސުން މާބޮޑަށް ރުޅި އަންނަނީ ކަމަށާއި، "އައިފެލް ޓަވަރުގެ މޫނު މަތި ހަޑިނުކުރަން އެދޭ" ކަމަށެވެ.

އޮސްޓްރޭލިއާ އިން ވަނީ 12 ކޮންވެންޝަނަލް ޑީސަލް އިލެކްޓްރިކް ސަބްމެރިން އުފެއްދުމަށް ފްރާންސްގެ މެޖޯރިޓީ އޮންނަ ނޭވަލް ގްރޫޕާއެކު ހަދާފައިވާ 90 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (66 މިލިއަން ޑޮލަރު)ގެ ކޮންޓްރެކްޓް މިދިޔަ ސެޕްޓެމްބަރު މަހު ބާތިލުކޮށްފަ އެވެ. އޭގެ ބަދަލުގައި އޮސްޓްރޭލިއާއިން އިނގިރޭސިވިލާތާއި އެމެރިކާއާ އެކު އެލަޔަންސެއް އުފެއްދީ އެމެރިކާގެ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ ނިއުކްލިއާ ހަކަތައިން އުފައްދާ 8 ސަބްމެރިންގެ ފްލީޓެއް ހޯދުމަށެވެ.

މެކްރޮން އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ރޯމްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އާއި މޮރިސަން އާ ދެ ބޭފުޅުން ގްރޫޕް އޮފް 20 ނޭޝަންސް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވިއިރު، އާ އެލަޔަންސަކީ "އޮސްޓްރޭލިއާގެ އިތުބާރާ މެދު އޮތީ ވަރަށް ގޯސް ޚަބަރެއް ކަމަށާއި އޮސްޓްރޭލިއާއާ އެކު ތިބި ބޮޑެތި ބައިވެރިންނަށް ދެވިދާނެ އިތުބާރާ މެދު އޮތީ ވެސް ވަރަށް ގޯސް ޚަބަރެއް" ކަމަށެވެ.

މޮރިސަން އޭނާއަށް ދޮގު ހެއްދެވި ކަމަށް ހީފުޅުވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެކްރޮން ވިދާޅުވީ "ހީއެއް ނުވޭ، އަޅުގަނޑަށް އޭނާ އެނގޭ" ކަމަށެވެ.

މެކްރޮންއަށް ދޮގެއް ހަދާފައިނުވާނެ ކަމަށް މޮރިސަން ވިދާޅުވިއިރު، އޮސްޓްރޭލިއާ ސަރުކާރުގެ އިސް ވަޒީރުން ފްރާންސްގެ ލީޑަރަށް ފާޑުވިދާޅުވަނީ، އަމިއްލަ ވިސްނުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ރަށެއް ވަގަށް ނުނަގަން. އައިފެލް ޓަވަރުގެ މޫނު ފޮރުވައެއް ނުލަން، އެއީ ކޮންޓްރެކްޓެއް،" ނިއު ސައުތު ވޭލްސްގެ މޮރޭ ޓައުންގައި ހޯމަ ދުވަހު ޖޮއިސް ބުންޏެވެ. "ކޮންޓްރެކްޓްތަކުގައި ޝަރުތުތަކެއް އެބަހުރި، އެ ޝަރުތުތަކާއި އަމަލުކުރަން އުސޫލުތަކުގެ ތެރެއިން އެ ފިޔަވަޅު އެޅީ. އެ ކޮންޓްރެކްޓް އިން ބޭރަށް ދެވިދާނެ. އެ ކޮންޓްރެކްޓްއިން އަޅުގަނޑުމެން ބޭރަށް ނުކުތީ."

"ރަށެއް ވަގަށް ނެގުން" ޖޮއިސްގެ އޮފީހުން ބުނީ ވަޒީފާ ނެތް ފަރަންސޭސި ނިއުކްލިއާ ފިޒިއޮލޮޖިސްޓެއް ކަމަށްވާ އަންދްރޭ ގާޑްސް 1990 ވަނަ އަހަރު އެސޯލްޓް ރައިފަލް ބޭނުންކޮށްގެން ހިފަން މަސައްކަތް ކުރި އިނގިރޭސީ ޗެނަލްގެ ކުޑަކުޑަ ސާކް އައިލެންޑަށް ނިސްބަތްކޮށް ކަމަށެވެ.

އެ ހާދިސާއަށް ނިސްބަތްކޮށް 2013 ވަނަ އަހަރު "ދަ މޭން ޓްރައިޑް ޓު ސްޓީލް އަ އައިލެންޑް" ކިޔާ ފިލްމެއް ވެސް އުފެއްދި އެވެ.

ކެބިނެޓް މިނިސްޓަރު ޑޭވިޑް ލިޓްލްޕްރައުޑް ވަނީ މެކްރޮން މޮރިސަންއަށް ފާޑުވިދާޅުވުން "ބޭއަދަބީ" ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ލިޓްލްޕްރައުޑް ވިދާޅުވީ، ގައުމީ ސަލާމަތަށްޓަކައި ޖޫން މަހު ދެ ލީޑަރުން އެއްގަލަކަށް އެރުވިއިރު، އެމެރިކާއިން އޮސްޓްރޭލިއާއަށް ނިއުކްލިއާ ޕްރޮޕަލްޝަން ޓެކްނޮލޮޖީ ހުށަހަޅާފައިވާކަން މޮރިސަންއަށް ހާމަކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގިގެން ދިޔައީ ކޮންވެންޝަނަލް ސަބްމެރިންތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓީޖިކް މަސްލަހަތުތައް ފުރިހަމަ ކުރެވޭނެ ސަބްމެރިންތަކެއް ނޫންކަން،" މޮރިސަން ވިދާޅުވި އެވެ.

މޮރިސަންގެ ފޯނު ކޯލުތައް ނަގަން މެކްރޮން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވީ އޮސްޓްރޭލިއާގެ ލީޑަރު މިދިޔަ ހަފްތާގައި ރޯމްއަށް ދަތުރުކުރައްވަން ހަމަޖެހިފައި އޮތް ގަޑި ވަރަށް ކައިރިވެފައި ވަނިކޮށެވެ. މި ދެ ލީޑަރުން ރޯމްގައި ރަސްމީ ބައްދަލުވުމެއް ބާއްވާފައި ނުވި ނަމަވެސް މޮރިސަން ވިދާޅުވީ "އެތައް ފަހަރަކު ވާހަކަ ދެއްކި" ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އިތުރަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ހަފްތާގައި ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އދ. ގެ މޫސުމާބެހޭ ސަމިޓްގައި ދެ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. -- އޭޕީ