އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ހަޑި ހުތުރު އެއްޗެއް ކިޔުމުގެ ދައުވާ އުފުލައިފި އެވެ.
އަދުރޭ މިރޭ ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ އުފުލިކަން އެސްއެމްއެސް މެދުވެރިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާ އަށް މިއަދު މެންދުރުފަހު 2:00 ގައި އަންގާފައިވާ ކަމަށެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާ އަށް އަންނާނީ ގިނަވެގެން 4 މަހުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާގެ ހުކުމެކެވެ.
އޭނާ ވިދާޅުވީ ކޮންމެ ދައުވާ އެއް ކުރިކަމުގައި ވިޔަސް ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންތައްތަކާ ގުޅިގެން ބަސްނުމުގައި ދެގޮތެއް ނުވެ ދެމި ހުންނަވާނެ ކަމަށެވެ.
ޕީޕީއެމް، ޕީއެންސީގެ ކިތަންމެ ބަޔަކަށް ދައުވާ ކުރިނަމަވެސް މިހާރު ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގެ ކިބައިން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ ކުރައްވަނީ ބޭނުން މީހަކަށް ކަމަށާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ ކޮރަޕްޝަން މައްސަލާގައި ދައުވާ ނުކުރާ ކަމަށެވެ.
"އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ނޫންތޯ ވިދާޅުވީ ޝިފާ އަކީ ތިމަންނާގެ ދެބެއިންގެ ދެދަރި ކުއްޖެކޭ. އެހެންމެ އެ މައްސަލައިގެ މައުލޫމާތު ދެވެން ނެތޭ،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި ރައީސް ޔާމީންގެ ސަރުކާރުގެ އެކި ބޭފުޅުންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް ތަހުގީގުތައް ހިންގަމުން އަންނަ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.