ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރުފަހު 3:00 ގަ އެވެ.

އެ ދައުވާ ކޮށްފައި ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ ޒިޔާދުގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މި ކުށުގެ އެންމެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ބުނެފައިވެ އެވެ.

އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ވެސް ހަމަ އެ ދައުވާ އުފުލާފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އެސްޖޭއާ އެކު އިސްލާމިކް މިނިސްޓްރީން ހިންގި މުއާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިއުއެންޑްއޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ލަފާދީފައިވެ އެވެ.

މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފަ އެވެ.