ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީ ގައި "އަވައްޓެރި ފުލުހުން"ގެ ހިދުމަތް ފަށައި، އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުއްޓަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ފުލުހުންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ޕޮލިސް

އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމުގައި މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ޕޮލިސް

އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.

އަދި މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ޕޮލިސް

އަދި މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރެވިގެންކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތް ކުރެވިގެންދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމްތައް ރާވާނެކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރުހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށްފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަން ވެސް ފާހަގަކުރެއްވި އެވެ.