ގއ. ކޮލަމާފުށީ ކައިރިން މަސްވެރިކަން ކުރުމަށް އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ގޮސް އެތައް ދުވަހެއް ވެފައިވާތީ އެކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ކޮލަމާފުށީ ކައުންސިލް މެމްބަރަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މަސްވެރިކަންކުރުމަށް ކޮލަމާފުށީ ކައިރީގައި އަޅާފައިވަނީ ދެ ކަނދުފަތި ކަމަށާއި އެ ދެ ކަނދުފަތި ވެސް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކަނދުފަތި އެ އަތޮޅު ގެމަނަފުށީ ޖެޓީމަތީ އޮންނަނާ ހަ މަސް ވެއްޖެ ކަމަށެވެ.

އޭނާ ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވެސް ޓެގްކުރައްވައި މިއީ މަސްވެރިންނަށް ހައްގު މިންވަރުތޯ ސުވާލުކޮށްފަ އެވެ.

މިސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ވަރަށް ގިނަ ކަންކަން ކޮށްދިނުމުގެ ވައުދާއެކު އެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ކަމުގެ ޔަގީންކަން ދީ މަސްވެރިންނަށް އެމްޑީޕީގެ މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނާފައިވެ އެވެ. ނަމަވެސް މި ވައުދުތައް ނުފުއްދޭތީ މަސްވެރިންނާއި މަސްވެރި އާއިލާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ،