ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން ދުވަސްވީ މީހަކަށާއި ޒުވާނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މިއަދު ހެނދުނު 7:44 ހާއިރު ރިޕޯޓުކުރި މި ހާދިސާގައި އަނިޔާވެފަ ވަނީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި 24 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަދި އެ ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓު ހިނގާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފަ އެވެ. މަޑުކޮށްފައި އޮތް ކާރަކަށް އަރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ހިނގި އެ ހާދިސާގައި، ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އަދިވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންނެވެ.
42 ރިސޯޓެއްގެ މުވައްޒަފުން ޕެޓިޝަނުގައި ސޮއިކޮށްފި