ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް އިންޖީނުގެ ސްޕެއާ ޕާޓްސް ސަޕްލައިކުރާ ވާޓިސިލާ ކުންފުނިން ސްޕެއާ ނުދިނުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަރަންޓު ކެނޑިދާނެ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓެލްކޯގެ މައި އިންޖީނުތައް އުފައްދާ ވާޓިސިލާ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ފައިސާ ދައްކައި ހަލާސް ނުކުރަނީސް ސްޕެއާ ފޯރުކޮށްނުދެވޭނެ ކަމަށް އެ ކުންފުނިން ރަސްމީކޮށް ސްޓެލްކޯއަށް އަންގާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވަރަށް އަވަހަށް ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް، މި ވާހަކަތަކާ ގުޅިގެން ސްޓެލްކޯއާ ސުވާލު ކުރުމުން ބުނެފައިވަނީ، ވާޓިސިލާ ކުންފުންޏާއެކު އެ ކުންފުނިން ގިނަ އަހަރުތަކެއް ވަންދެން ގާއިމުކޮށްފައިވާ ބަދަހި ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް ޒަމާންވީ އެއްބާރުލުމާއި ގުޅުން މިހާރުވެސް ވަރުގަދަކަންމަތީ ދެމިއޮތް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން، އެ ކުންފުނީގެ ކަސްޓަމަރުންނަށާއި އާންމު ރައްޔިތުންނަށް ޔަގީންކަން ދެމުން ސްޓެލްކޯއިން ބުނީ، އެއްވެސް މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯ އަބަދުވެސް ފުރިހަމައަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.