ފުރިހަަމަ ސިއްހަތެއްގައި ހުރުމަށް ދިމަވާ މައްސަލަތައް ދެނެގަތުން އެއީ މުހިއްމު ކަމެކެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުން މެޑިކަލް ޗެކަޕެއް ހެއްދުން އެއީ ނުވެދާނެ ކަމެކެވެ. އެހެންނަމަވެސް މިކަންކަން ހުންނަން ޖެހޭ މިންވަރު އެނގޭނަމަ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޮޑު އެހީ އަކަށްވާނެ އެވެ.

ލޭގެ ޕްރެޝަރު

ލޭގެ ޕްރެޝަރަކީ ހުންނަން ޖެހޭ މިންވަރުގައި ހިފެހެއްޓިފައި ހުންނަން ޖެހޭ އެއްޗެކެވެ. މާ މަތި ވުމުން ނުވަތަ މާ ދަށްވުމުން ވެސް މައްސަލަތައް ކުރިމަތިވެ އެވެ. އެގޮތުން ވަރުވަލިވުމާއި ބޮލުގައި ރިހުން ފަދަ މައްސަލަތައް ދިމާވެ އެވެ. އަންހެނެއްގެ ލޭގެ ޕްރެޝަރު ހުންނަން ޖެހޭނީ 80/120 ނުވަތަ އެއަށް ވުރެ ދަށުގަ އެވެ.

ކޮލެސްޓްރޯލް

ކޮލެސްޓްރޯލް ލެވެލް އަކީ ފަސޭހައިން ބަލާލެވޭނެ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ފަރުވާ ކުޑަކޮށްލެވޭ ކަމެއް ވެސްމެ އެވެ. މަދު ވެގެން އަހަރަކު އެއްފަހަރު ކޮލެސްޓްރޯލް ލެވެލް ބަލަން ޖެހެ އެވެ. ކޮލެސްޓްރޯލް ބެލުމުގައި 2 ބައެއް ހިމެނެ އެވެ. އެއީ އެލްޑީއެލް ނުވަތަ “ބޭޑް ކޮލެސްޓްރޯލް” އަދި އެޗްޑީ އެލް “ގުޑް ކްލެސްޓްރޯލް” އެވެ. އެގޮތުން އެލްޑީއެލް ހުންނަން ޖެހޭނީ 100 މިލިގްރާމަށް ވުރެ ދަށުގަ އެވެ. އަދި އެޗްޑީއެލް ހުންނަ ޖެހޭނީ 60 މިލިގްރާމަށްވުރެ މަތީގަ އެވެ.

ލޭގެ ހަކުރު

ހަކުރު ބައްޔަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލަ އެކެވެ. އަންހެނުންގެ ލޭގައި ހަކުރުގެ މިންވަރު ހުންނަން ޖެހޭނީ 5.7 މިލިމޯލްސް ނުވަތަ އެއަށްވުރެ ދަށުގަ އެވެ. 5.7 – 6.4 މިލިމޯލްސްއާ ދެމެދު ހުރެއްޖެނަމަ ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑެވެ.