އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައި ނުވާ ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭ ބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރު ވެސް ޕާސްޕޯޓް ހިފަހައްޓައި، ވަކިގޮތެއް ނާންގައިވަނީ ކޮން ސަބަބަބާ ހެދިތޯ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިނިސްޓަރު އިމްރާނާއި ލިޔުމުން ޖަވާބު ހޯދަން އެދިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މައާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައި ނުވާނެ ކަމަށެވެ.

ނަމަވެސް، ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކަށް ކުރެވުނު ޝަރުތުތަކާ ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަ ކުރަން ޖެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޒު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަނުކުރުން ނުވަތަ ދަރަނި އަދާނުކުރުން ފަދަ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް އިމްރާން ވިދާޅުވެފައިވެ އެވެ. އަދި އެ ހުރިހާ ފަރާތެއްގެ ވެސް ޕާސްޕޯޓު ހިފެހެއްޓިފައިވަނީ، އެފަދަ ފަރާތްތަކުން ތަންފީޒުކުރަން ޖެހޭ ހުކުމްތައް ހުރުމުން ކަމަށާއި، އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާއިރު، އޭގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށް ވެސް ހޯމް މިނިސްޓަރުގެ ސިޓީގައިވެ އެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއްވެފައިވާ ފަރާތްތައް ހިމެނޭއިރު، އެފަދަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޒުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނާތީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަދުލުވެރި ހައްލެއް ހޯދައިދިނުމަށް މައްސަކަތްތަކެއް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިގޮތުން، އިތުރު ކުށަކަށް އަރައިނުގަނެ، ވަޒީފާއަށް ގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ފަރާތްތަކުގެ މައްޗަށް އަހަރުތަކެއްގެ ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރީހިބިލޭޓްކޮށް މުޖްތަމައަށް ނެރުމަށް ބާރުއެޅުމަށް މިނިސްޓްރީން ގެންގުޅޭ ރުޖޫއީ އިންސާފުގެ ފަލްސަފާއާ ހިލާފު އަދި އެކަމުގެ ސަބަބުން ދައުލަތުންނާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކުން ވެސް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށްވާތީ، މިފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ހުކުމްތަކާމެދު ގާނޫނީ ގޮތުން އަމަލުކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.