މާލޭ މަގުމަތިން ސިފައިންގެ މީހަކު ރޭ ހިފަހައްޓައި އޭނާގެ އަތުން ފައިސާ ހޯދުމަށް ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސިފައިންގެ މީހާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށެވެ. އެމީހާ ރަހީނު ކޮށްފައި ވަނީ ރޭ 11:30 އިރު ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.

ރަހީނުކޮށް އެމީހާއަށް އަނިޔާކޮށްފައި ވާއިރު ފައިސާ ނުލިބުމުން މިއަދު ހެނދުނު އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފައިވާ ކަމަށް ވެސް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 9:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ލިބުނު އަނިޔާއެއް، ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.

މިމައްސަލައާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައި ވަނީ މިފަދަ މައްސަލަތަކަކީ ފުލުހުންގެ މުއައްސަސާއިން ބަލަމުން އަންނަ ކަމަކަން ވާތީ އެ މައްސަލައާ ގުޅިގެން މައުލޫމާތު ދޭނީ ފުލުހުންގެ އިދާރާއިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތް މީހަކު ހިމެނޭ ގުރޫޕަކުން ރަހީންކޮށްފައިވަނީ ކޯސްޓުގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ހަސަން ފަހީމް އަށެވެ.