ސްކޫލުގައި ކިޔަވާ ކިޔެވުމުގެ އިތުރުން ސްކޫލުގައި ދެވޭ ފިލާވަޅުތައް ގޭގައި މުތާލިއާ ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. މިއީ ގިނަ ކުދިން އެކަމަކުން ދުރުވާ ކަމެއް ނަމަވެސް ރަނގަޅު އުކުޅުތަކަކާއެކު އެކުދިން ގޭގައި ކިޔަވަން ހޭދަކުރާ ވަގުތު އިތުރު ކުރެވިދާނެ އެވެ.
ކިޔެވުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުން
ގޭގައި ތިބެ ސްކޫލް މާހައުލުގެ އިހްސާސް ގެނައުމަށްޓަކައި ގޭގެ ވަކި ސަރަހައްދެއް ކިޔެވުމަށް ޚާއްސަ ކުރާށެވެ. އަދި ކިޔެވުމާ ބެހޭ ތަފާތު ތަކެތިން އެ ސަރަހައްދު ޒީނަތްތެރިކުރާށެވެ. މިކަމުގެ ސަބަބުން ދަރިން ގޭގައި ތިބެ ވެސް ކިޔެވުމަށް ހިތް ޖެހޭނެ އެވެ.
ޓެކްނޮލޮޖީ ބޭނުން ކުރުން
ގޭގައި ކިޔަވައިދޭއިރު ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ވީޑިއޯ އާއި ފޮޓޯ ފަދަ ވިޒުއަލް ބޭނުންކުރުމަކީ ކިޔަވައިދޭ އެއްޗެއް ދަރިންނަށް ފަސޭހައިން ނަގައިގަނެވޭނެ ކަމެކެވެ.
ޓައިމްޓޭބަލެއް ކަނޑައެޅުން
ދުވާލުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ޓައިމްޓޭބަލެއް އެކުލަވާލައި އެއަށް އަމަލުކުރުމަށް ދަރިންނަށް ހިތްވަރު ދިނުމަކީ ކިޔެވުމަށް ފަސޭހަވުމުގެ އިތުރުން، އެ ކުދިންގެ އަޚްލާގު ވެސް އިތުރަށް ރަނގަޅު ކޮށްދޭނެ ކަމެކެވެ. ވަގުތަށް ކަމޭހިތުމާއި ކަންކަމުގައި ތަރުތީބު ގެންގުޅެން ދަސްކޮށްދޭނެ ކަމެކެވެ.
ދަރިންނާއެކު ބައިވެރިވުން
ދަރިންނަށް ކިޔަވަން އިރުޝާދު ދިނުމަށްފަހު އެހެން ކަންކަމުގައި ޝާމިލުވުމުގެ ބަދަލުގައި ފިލާވަޅުތައް ހަދައި މުތާލިއާ ކުރާ ވަގުތު އެކުދިންނާއެކު ހޭދަ ކުރާށެވެ. އަރާ އޮޅުންތައް ފިލުވައިދީ ރަނގަޅު ކޮށޮދޭށެވެ. މިކަމުން ކިޔެވުމުގެ ރޫހު ކުދިންގެ ހިތުގައި އުފެދޭނެ އެވެ.