ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަތް ރޮނގެއް ދަމާ ރެޑް ޒޯނެއް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި މުރައިދޫގެ ހިމެނޭ ސަރަހައްދުގަ އެވެ. އެސަރަހައްދުގައި މަގުމަތީ ދެފަރާތުގައި އެކީ އެކަށް ރަތް ރޮނގު ދަމާ އެއީ ރެޑް ޒޯނެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ. އެތަނުގައި ޕާކުކުރުން ވެސް ހިނގާލާފައިދާ މީހަކު ވަރުބަލިވެގެން މަޑުކޮށްލުން ވެސް މަނަލެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަށް ސަލާމަތީ ބާރުތަކަށް ދަތިވާތީ ރައްކާތެރިކަން ދިނުމުގެ ގޮތުން އެމަނިކުފާނުގެ ދިރިއުޅުއްވުން ވަގުތީ ގޮތުން މ. މުރައިދޫގެއަށް ވަނީ ބަދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ކުރެއްވި ބޭސްފަރުވާއަށް 1.6 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ. އެއަށްފަހު މާލެ ވަޑައިގެން ހުންނެވީ ހޮޓެލް ޖެންގަ އެވެ. ހޮޓެލް ޖެންގައި 21 ދުވަސް ހުންނެވުމަށް ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ޖުމްލަ ހަރަދު ކޮށްފައިވެ އެވެ. ދުވާލެއްގެ މައްޗަށް 33،000 ރުފިޔާ ދައުލަތުން ހަރަދު ކުރި އެވެ. މީގެ އިތުރުން މުރައިދޫގޭގެ ބަޖެޓްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓް ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ ތިން ބާރުގެ ތެެރެއިން އެއް ބާރުގެ ވެރިޔާ ކަމަށް ވީހިނދު އެމަނިކުފާނަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން އޮންނާން ވާނެ އެެވެ. އަދި އެކަން އެންމެ ފުރިހަމައަށް ކުރެވެން ވެސް ވާނެ އެވެ. އެއީ ކޮންމެ ބޭފުޅަކު އެ މަގާމުގައި ހުންނެވި ނަމަވެސް ދައުލަތުން ކުރާން ޖެހޭ ކަމެކެވެ.

ނަމަވެސް މިކަމާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވެސް އެބަހުއްޓެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޑް ޒޯނެއް ކަނޑައަޅާ "ހިތްތިރި" "ރައްޔިތުންގެ ރައީސް" ކަން މިކަންކަމުގެ ސަބަބުން ގެއްލުނީ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އަދި ދައުލަތުން މިވަރުގެ ބޮޑު ހަރަދެއް ކުރާން ހެޔޮނުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ރައްޔިތުންގެ މަޖިލީހުންނާއި ކުރީގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ލިބިވަޑައިގަންނަވާއިރު އެމަނިކުފާނުގެ ބޭސްފަރުވާއާއި ދިރިއުޅުއްވުމުގެ ހަރަދާއި މި ހުރިހާ ކަންކަމެއް ރަތް ރޮނގުން މައްޗަށް އަރައިގެން ދިއުމުން ޚުދުމުޚުތާރު ސިފައެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރަތްރޮނގުން މައްޗަށް އެރުމަކީ "މައުމޫނިޒަމް"ގެ އެކްސްޓްރީމް ސިފަ އެކެވެ.

އަލީ ރަމީޒު ވެސް ވަނީ ޓުވިޓާގައި މިކަމަށް ފާޑު ކިޔާފަ އެވެ.

އޭނާ ބުނެފައި ވަނީ "ހަމަހަމަ ކަމަށް ބުނާ މިއަދުގެ ޑިމޮކްރެސީގައި ރަދުން އުޅުއްވާ ގެކޮޅު ފެންނަ ފަށުގައި އާއްމު ރައްޔިތުން ފައިއެޅުން މަނާ" ކަމަށެވެ.

ކަން މިހެން އޮތްއިރު އަނެއް ބަޔަކު ކަންބޮޑުވަނީ އާއްމު ރައްޔިތުން މިއަދު އުފުލަން ޖެހިފައިވާ ތަކުލީފާ މެދުގަ އެވެ، ރައްޔިތުންގެ ތެރޭގައި އަމަން އަމާންކަން ގެއްލި ފުރާނައަށް ނުރައްކާވާފަދަ ބިރުވެރި އެތައް ހާދިސާތަކެއް ހިނގަމުން ދާތީ އެވެ. ޓުވީޓާގައި އެމްޑީޕީއަށް ތާއީދުކުރާ އައިސްތު ކިޔާ ބޭފުޅަކު ލިޔެފައިވެ އެވެ.

"މާލެ ބިރުވެރިވެގެން ގޮސް ބޭރަށް ނުކުންނަ އިރު ފޯނު ހިފައިގެން ނުކުތުން ވެސް މިއީ ބިރުވެރި ކަމެކެވެ." އޭނާ ބުނެފައިވެ އެވެ.

ސަލާމަތީ ބާރުގައި މަސައްކަތް ކުރާ ބޭކަލަކު ރަހީނުކޮށް އޭނާ އަށް ބޮޑެތި އަނިޔާކޮށް މަގުމައްޗަށް އެއްލާފައި އޮތީ އިހަށްރޭ ފަތިހު އެވެ، މިހާދިސާ ހިނގާފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މީހަކު ރަހީނުކޮށްގެން ހިނގި ހާދިސާއެއްގައި ބައިވެރި ބަޔަކު ވެސް ދޫކޮށްލާފައި ވަނިކޮށެވެ.

ސިފައިންގެ ބޭކަލަކު ރަހީނުކޮށް ތަޅާ އަނިޔާކޮށް އެއްލާލާފައި

މި ހާދިސާއާ ގުޅިގެން ނޫސްވެރިއަކު ވަނީ އޭނާގެ ބައްޕައަށް ދިމާވި މިފަދަ އެހެން ހާދިސާއެއް ޓުވިޓާގައި ހިއްސާކޮށްފަ އެވެ.

އުމުރުން ދުވަސްވީ މީހަކަށް މަގުމަތިން ވަޅިން ބިރު ދައްކާ ފޭރުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނުގައި މަސްތުވުމާއި މާރާމާރީއާއި ފޭރުމުގެ މައްސަލަ އިންތިހާއަށް އެބަ އޮތެވެ. މިއީ ވެސް އެފަދަ އެހެން ހާދިސާއެކެވެ. އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ވަނީ ނުކުޅެދިފަ އެވެ. ނުވަތަ ރައްޔިތުންނަށް ޖެއްސުމަށް ނުކުރަނީ އެވެ.

https://www.facebook.com/697836128/posts/10158300545256129/?d=n

އަމަން އަމާންކަން ނުބެލެހެއްޓި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މިފަދަ ހާދިސާތަކުގެ ސަބަބުން ރައްޔިތުން މިއަދުވަނީ އިންތިހާ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. އެންމެ ފަހުން މިފަދަ ތޫނު އެއްޗަކުން ބިރު ދެއްކުމުގެ ހާދިސާއެއް ހިނގާފައި ވަނީ ބ. ދަރަވަންދޫގައި ރޭގަ އެވެ.

ގައުމުގެ މިއަދުގެ ހާލަތަކީ މިއީ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ބޮޑުންނަށް ފުރިހަމަ އާރާއި ބާރުގައި ދޭންޖެހޭ ހައިބަތާ ސެކިއުރޓީ ދިނުމަށް މިލިއަނުން ހޭދަކުރެވެމުން އެބަދެ އެވެ. އެކަމަށްޓަކައި ދައުަލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރެވެ އެވެ. ރައީސާއި ނައިބު ރައީސްއާއި މަޖިލިސް ރައީސް ފަދަ ބޭފުޅުންގެ ކާރުކޮޅާ އެއްވަރަށް ދުވަމުން ވެސް ބައެއް ފަހަރު ސެކިއުރިޓީ ދޭން ޖެހެ އެވެ. ތަނަކަށް ވަޑައިގަންނަވާނަމަ މުޅި ސަރަހައްދު ބަންދުކޮށް ސިފައިންގެ ފައުޖުތައް ބޮޑެތި ބަޑި ހިފައިގެން ތިބެ އެވެ.

ނަމަވެސް އާއްމު ރައްޔިތު މީހާ މިއަދު މިއުޅެނީ އަދާކުރާ ވަޒީފާއަށް ދެވޭނެ ކަމެއް ނުވަތަ ވަޒީފާއިން އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަން ވެސް ނެތި އެވެ.

މުޅި މުޖްތަމައު ނާމާންވެ ބިރުވެރި ތަނަކަށްވެފައިވާއިރު ރައްޔިތުންނަށް ލިބޭ ސެއިކުރިޓީއެއް ނެތެވެ. ރައްޔިތުންގެ ރައްކތެރިކަން ކަށަވަރު ނުވެ އެވެ. ގޯތި ގެދޮރުގެ ރައްކާތެރި ކަމެއް ނެތެވެ. މަގުަތީގެ ރައްކާތެރި ކަމެއް ނެތެވެ. ރައްޔިތުންނަށް އިންސާފު ލިބޭނެ ގޮތެއް ވެސް ނެތެވެ، މިކަންކަމަށް ދަމާލާނެ ރޮނގެއް ވެސް އެ ރޮނގުގައި ލާނެ ކުލަ ކޮޅެއް ވެސް ނެތެވެ.

ބޮޑުންނަށް އޮތީ ރަތް ރޮނގެވެ. ރައްޔިތު މީހާއަށް ކުލައެއް ނެތް ރޮނގެކެވެ.