ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޓީ ވެބް ސީރީޒް "ގިރިޓީ ލޯބި" އަދި ބައިސްކޯފުގެ ޑްރާމާ ސީރީޒް "ނޫންތަ؟" ރިލީޒްކުރުން ފަސްކޮށްފި އެވެ.

ބައިސްކޯފުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ "ގިރިޓީ ލޯބި" އަދި "ނޫންތަ؟" ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހު ބަދަލު އައިސްފައިވާ ކަމަށެވެ. އަދި މި ދެ ސީރީޒް ރިލީޒްކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް ބައިސްކޯފުން ބުނެ އެވެ.

ޖުމްލަ 20 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ވެބް ސީރިޒް "ގިރިޓީ ލޯބި" އަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

މެބް ސީރީޒް

ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ "ނޫންތަ؟" ވެބް ސީރީޒްގައި ފެނިގެންދާނީ މިހާރު އެންމެ މަގުބޫލު އެއް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން ކުރިއަރަމުން އަންނަ އެކްޓަރު އަދުހަމް އެވެ.

"ނޫންތަ؟"ގެ ތިން އެޕިސޯޑެއް ޑައިރެކްޓްކުރާނީ އިޤްބާލް އެވެ. އަނެއް ތިން އެޕިސޯޑް ޑައިރެކްޓްކުރާނީ ނާއިޝާ އެވެ.

"ނޫންތަ؟"ގެ ހަ އެޕިސޯޑުގެ ތެރެއިން ކޮންމެ އެޕިސޯޑެއްގައި ވެސް ފެންނާނީ ތަފާތު ތަރިންނެވެ.

އެގޮތުން ދެ ވަނަ އެޕިސޯޑްގައި ފެނިގެންދާނީ ވާސިޔާ އެވެ. "ނޫންތަ؟" ދެ ވަނަ ބަޔަކީވެސް ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ހަދާފައިވާ ޑްރާމާއެކެވެ.