ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އެއް ޕޮރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ހަދާ ކޮމެޑީ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި" މިމަހު 20 ގައި ބައިސްކޯފުން ރިލީޒްކުރަން ނިންމައިފި އެވެ.

ޖުމްލަ 20 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ވެބް ސީރިޒް "ގިރިޓީ ލޯބި" އަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

ލޯބީގެ ހެއްވާ މަންޒަރުތަކެއް ދައްކުވައިދޭނެ މި ސީރީޒްގެ ޓްރެއިލާ ބައިސްކޯފުން އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެ އެވެ.

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރު" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ. އަދި މަސައްކަތް ނުފަށާ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެބަހުއްޓެވެ.