ބޯހިޔާވެހި ކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓްތަކަކީ އެއްވެސް ޕްލޭނެއް ނެތި ހަދާފައިވާ ތަނެއް ކަމަށާއި އެ ފްލެޓްތައް ތަޅާލަން ވެސް ވިސްނި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރީގެ މެމްބަރު އަނާރާ ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީން ނިކަމެތި ރައްޔިތުންނަށްޓަކައި ކޮށްދެއްވި މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި އެކަން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"ހިޔާ ފްލެޓްތައް އަޅައިދިނުން އެއީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ސުކުރު ހައްގު މަސައްކަތެއް. ސުކުރިއްޔާ،" އަނާރާ ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ހިޔާ ފްލެޓްތަކާ ގުޅިގެން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ދަތި ހާލުގައިތިބި ރައްޔިތުން ވަންނާނެ ތަނެއްނެތި ބިކަ ހާލަތުގައި ތިއްބައި ވަދެވޭނެ ފަދަ ގޮތެއް ލިބުމުން އެތައްވެސް ނައްތާލުމުގެ ވިސްނުން ގެންގުޅުމަކީ މިނިސްޓަރު އަސްލަމްގެ ނާގާބިލްކަން ހާމަވާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޝިޔާމް ސުވާލުކުރެއްވީ ހިޔާ ފްލެޓްތަކުގެ އެއް ބެޑްރޫމް އެޕާޓްމަންޓްތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ޝިޔާމަށް އެއް ބެޑްރޫމް ފްލެޓްތައް ފެނުނު ކަމަށާއި ވަޒީރަށް ފެނިވަޑައިގެންފިތޯ ސުވާލު ކުރެއްވި އެވެ. އަދި ހިޔާ ފްލެޓަކަށް މީހުން ވަންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ކުށުގެ ވެއްޓަކަށް ވެގެން ހިނގައްޖެ ކަމަށާއި އަދި އެތަން ބެލެހެއްޓުމުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަޒީރަށް އަމާޒު ކުރައްވާ އެދި ވަޑައިގަތީ އެ ކަންކަމާ ޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށް ދެއްވުމަށެވެ.

ޖަވާބުގައި އަސްލަމް ވިދާޅުވީ، އޭނާއަށް އެއް ބެޑްރޫމްގެ ފްލެޓްތައް ނުފެނިގެން ނޫޅުއްވާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫގެ އާބާދީއާ އެއްވަރުގެ އާބާދީއެއް އެއްތަން ކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫއެއް ކަމަށާއި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް މިއަދު ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނެއް. އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި، ބާއްވަން އެ ޕްލޭން ކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ފަށައިފައިވާއިރު، މި ސަރުކާރު އައިރު އެ މަސައްކަތް އޮތީ ނުހުއްޓުވޭނެ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެން ނަމަވެސް އެތަން ތަޅާލަން ވިސްނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.