ހުޅުމާލޭ ދެވަނަ ފޭސްގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ ސަރަހައްދުގައި ކުށް ކުރުން އިތުރުވެފައިވާއިރު، އެކަންކަމަށް ސަަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ދޭތޯ ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އާ ސުވާލުކުރެއްވުމުން ދެއްވި ޖަވާބާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެތަނުގައި 35،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ހިޔާގެ ފްލެޓް ބެލެހެއްޓުމަކީ އައްޑޫސިޓީގެ އަމަން ބެލެހެއްޓުމަށް ތިބި ފުލުހުންގެ މަސައްކަތާ އެއްވަރުގެ ކަމެއްކަމަށް ނަޝީދުވަނީ ސިފަ ކުރައްވާފަ އެވެ.

"އިއްޒަތްތެރި ވަޒީރު އެ ވިދާޅުވިހެން، އަންނަން އޮތް ސަރުކާރުތަކުން ވެސް ހިޔާ ފްލެޓުގެ އަމަން ބެލެހެއްޓުމަށް އުޅޭނެ. ނޫޅޭ އެއްވެސް ސަރުކާރެއް ނޯންނާނެ. އެކަމަކު އެއީކީއެއް ކުރެވޭނެ ނުވަތަ ކުރަން ފަސޭހަ ބާވަތުގެ ކަމެއްގެ ގޮތުގައެއް އަޅުގަނޑަށް ޔަގީން ކަށަވަރު އެއްވެސް ސަރުކާރަކުންނެއް އެއްބަހެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާތަނަށް މަޖިލީހުން ބެލި ބެލުމުން އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ދަތިކަމެއް ކަން ސަރުކާރާއި މަޖިލިސް ކޮމިޓީތަކަށް ވެސް ފާހަގަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.