ފުވައްމުލަކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ބިކިނީ ބީޗެއް ހެދުމާ މެދު އާއްމުންގެ ހިޔާލު ހޯދަން ރޭ ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު އެ ބީޗް ހެދުމާ ދެކޮޅު ހަދައިފި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި މެދު ދާއިރާގެ ކައުންސިލަރު މުހައްމަދު އިސްމާއިލް އަދި ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދެވެ.
ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މޭޔަރު އިސްމާއިލް ވިދާޅުވީ ކައުންސިލުން ކޮންމެ ކަމެއް ނިންމަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އަދި ބިކިނީ ބީޗެއް ހެދުމަކީ ކައުންސިލުން ނިންމާފައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ ރައްޔިތުންގެ ހިޔާލު އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާކޮށްގެން އަޅުގަނޑުމެންނާ ހިއްސާކޮށްދިނުން. މިއީ ވަކި ތަނެއް ކަނޑައަޅައިގެން ހިޔާލު ހޯދަން ބާއްވާ ބައްދަލުވުމެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް ދިޔަ ބައެއް މީހުން ތިބީ ހިތްހަމަނުޖެހޭކަން ހާމަކުރުމުގެ ގޮތުން އެކި މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ވެސް ހިފައިގެންނެވެ. ބައެއް ޕޯސްޓަރުތަކުގައި "ޓޫރިސްޓުން ބިކިނީހާ ޑިމާންޑް ނިކުރައްވަތަ"، "ވިލާތުގައި ބޭނުން ހެދުމެއް ނޭޅޭ"، "ބީޗް ހެދުމާ ދެކޮޅު"، ފަދަ އިބާރާތްތައް ލިޔެފައިވެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންގެ ބަސް އިހުލާސްތެރިކަމާއެކު އަޑު އައްސަވާނެ ކަމަށާއި ކަމެއް ނިންމާއިރު ފުވައްމުލަކު ރައްޔިތުންނަށް އެކަމުން އެންމެ ފައިދާ ލިބޭނެ ގޮތަކަށް ކަންކަން ނިންމުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމަށެވެ.
"އެ ގޮތަށް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ވަރަށް މުހިންމު ވާނެ. އަދި އެކަން ބަލައިގަންނާނަން،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ފުވައްމުލަކަށް ޓޫރިސްޓުން ޒިޔާރަތްކުރާތާ ހައެއްކަ އަހަރު ވެއްޖެ ކަމަށާއި ބައެއް ފަހަރު ތުނޑި ކަހަލަ ތަންތަނުގައި އާއްމުން ބޭނުންނުވާ ފަދަ ގޮތަކަށް ހެދުން އަޅައިގެން ތިބޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
"ލޯކަލް ޓޫރިޒަމް އަޅުގަނޑުމެން ބޭނުން ވަނީ މަޖުތަމައަށް ގެއްލުންނުވާނެ ގޮތަކަށް ކުރިޔަށް ގެންދަން. އެހެންވީމަ އަޅުގަނޑުމެންގެ ސާގަފަތާއި އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ވަރަށް މުހިންމު. އެހެންވީމަ އެ ވިސްނުމުގައި އަޅުގަނޑުމެން އަދި މި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިކަން ވެސް ކުރިޔަށް ގެންދިއުމުން ރަނގަޅުވާނެ،" އިސްމާއިލް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ކައުންސިލަރު މުހައްމަދު އިސްމާއިލް ވެސް ވިދާޅުވީ ފުވައްމުލަކު ރައްޔިތުން ބިކިނީ ބީޗެއް ހެދުމަށް ބޭނުންނުވާ ނަމަ ކައުންސިލުން ވެސް ނިންމާނީ އެގޮތަށް ކަމަށެވެ.
"މެޖޯރިޓީ ބޭފުޅުން ބޭނުންވެދާނެ އެކަހެރި ތަނެއްގައި އެތަން ހަދަން. މިކަން ބޮޑަށް ފާހަގަވެގެންދިޔައީ ފާއިތުވި ތަނުގައި ވަރަށް ގިނަ ޝަކުވާތައް ލިބިގެން. މިދިޔަ ހަފުތާގައި ވެސް އާއްމުން ދާ ތަނެއްގައި ޓޫރިސްޓުން ނިވައިކަން ކުޑަ ހެދުން އަޅައިގެން ތިބި ކަމުގެ ރިޕޯޓު ލިބުނު،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އެތަނުގައި ތިބި ޓޫރިސްޓުން ފޮނުވާލަން ޖެހުނީ ފުލުހުން ގޮސްގެން ކަމަށެވެ. އަދި އޭގެ ފަހުން ތުނޑީގައި ވެސް ނިވައިކަން ކުޑަ ހެދުން އަޅައިގެން ޓޫރިސްޓުން ތިބި ކަމުގެ ރިޕޯޓު ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތުނޑިއަކީ މިރަށުގެ ރައްޔިތުންނަށް ހާއްސަ ތަނެއް. އެހެންވީމަ އެހެން ބަޔަކަށް އެ ފުރުސަތެއް ނުދެވޭނެ،" ކައުންސިލަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިކިނީ ބީޗެއް ހެދުމާ މެދު ގޮތެއް ނިންމާނީ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން މަޝްވަރާކޮށްގެން ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ބުނީ ޓޫރިސްޓުންނަށް ބިކިނީ ބީޗެއް ހެދުމުގެ ކުރިން މިހާރު ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުނުވަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ގެސްޓު ހައުސްތަކުން ވެސް ހެދިފައިވާ ގަވައިދުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން ބޭނުމެއް ނޫން ދަރިންނަށް ބަޔަކު ޖަނގިޔާކޮޅު ލައިގެން އުޅޭ ތަން ފެންނާކަށް. މިއީ ކުރަން ޖެހޭ ކަމަށް ނުދެކެން،" އެ މީހާ ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން ވިދާޅުވީ ފުވައްމުލަކުގެ ޓޫރިޒަމް ހަލާކުވާނެ ގޮތަކަށް އެއްވެސް ބަޔަކު އަމަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި މިއީ މިހާރު ވެސް އާއްމުންނާ ދުރު ސަރަހައްދަކުން ވަކިކޮށްފައި ކަނޑައަޅަން ޖެހޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުވައްމުލަކު ޓޫރިސްޓުން އައުމުން އެތައް ބަޔަކަށް އޭގެ ފައިދާ އެބަކުރޭ. މިއީ ވަށައިޖެހިގެން ހިނގާ ވިޔަފާރިއެއް. އެހެންވީމަ ކައުންސިލަށް ހޮވިފައިވާ މެމްބަރުން ވެސް ރަށުގެ އިގްތިސާދު ހަލާކުވާނެ ގޮތަކަށް އަމަލުކޮށްގެން ނުވާނެ،" ސައުދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ބުނީ މިރަށުގެ ލޯކަލް ޓޫރިޒަމް ވިޔަފާރި ހަމަ މަގަށް އެޅުވުމަށް ކައުންސިލުން މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިރަށުގައި ޓޫރިޒަމް ކުރިޔަށް ގެންދަން ވާނީ މިރަށުގެ ސަގާފަތާއި އިސްލާމް ދީނާ އެއްގޮތަށް ކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ މީހުން ވަނީ ޓޫރިސްޓުން މިރަށަށް އައިސް އާއްމުން ގޮސް އުޅޭ ސަރަހައްދުތަކުގައި ނިވައިކުޑަ ހެދުން އަޅައިގެން އުޅޭތީ އެކަން ހުއްޓުވައިދޭން އެދިފަ އެވެ. އަދި މިރަށުގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ އެއީ ކަން ވެސް ފާހަގަކުރެވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން މިރަށުގެ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހިގެން އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނަނީ ކައުންސިލަށް މުހިންމު ވަނީ ޓޫރިސްޓުންނަށް ބިކިނީ ބީޗެއް ހެދުން އެކަނި ކަމަށެވެ. މި ރަށުގައި ބޯހިޔާވަހިކަމެއް ނެތް އެތައް ބަޔަކު ދިރިއުޅޭއިރު އެކަމަށް ހައްލެއް ހޯދައިދިނުން މާ މުހިއްމު ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
އެއް ރަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއްގެ ދަރަޖަ ދީފައިވާ ރަށުގައި ޓޫރިސްޓުން މޫދަށް އެރެން ވަކި ހާއްސަ ދިމާލެއް މިވަގުތު ނެތެވެ. އެހެންވެ އާއްމުކޮށް ޓޫރިސްޓުން ފައިބަނީ ރަށުގެ ތުނޑީ ސަރަހައްދަށެވެ. އަދި އެތަނުގައި ނިވައިކަން ކުޑަ ހެދުން އަޅައިގެން އުޅޭތަން ފެނިގެން އާއްމުން ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހިގެން ޝުއޫރުފާޅުކުރެ އެވެ.